Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

12 މެމްބަރުންނަށް ވަކީލުން ހަމަޖައްސަން 10 ދުވަސް

މެމްބަރުން ކޯޓުކުރިމަތީ ފޮޓޯއަކަށް ހުއްޓިލައިގެން-

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި އެ މެމްބަރުންނަށް ވަކީލުން ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތަށް ފަހު މެމްބަރުން ވިދާޅުވީ ވަކީލަކު ހަމަޖެއްސުމަށް 30 ދުވަސް ދިނުމަށް ކޯޓުގައި އެދުނު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ގިނަ ގާނޫނީ ވަކީލުން ސަސްޕެންޑްކޮށްފައިވާތީ ވަކީލުން ހޯދުމަށް އުނދަގޫ ކުރިމަތިވާނެކަމަށް ކޯޓުގައި އެދުނު ކަމަށެވެ. އަދި މަގްބޫލް އުޒުރެއް ނެތި ވަކީލުން ހަމަޖެއްސުމަށް ދިން މުއްދަތު އިތުރު ނުކުރެވޭނެކަމަށް ގާޒީ ވަނީ އަންގާފައެވެ.

މިއަދުގެ ޝަރީއަތުގައި ކިބިނދޫ ދާއިރާގެ މެމްބަރ އަދި ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ރިޔާޒު ވިދާޅުވީ ގާނޫނީ ވަކީލުން ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ކޯޓުގައި ދަންނަވާފައެވެ.

މީގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހް ވަނި ވަކީލަކު ހަމަޖެއްސުމަށް ހަ މަސް ދުވަހުގެ މުއްދަތަކަށް އެދިވަޑައިގެންފައެވެ.

މިއަދުގެ ޝަރީއަތުގައި ހުރިހާ މެމްބަރުންވެސް ވަނީ މަޖްލިސް އިދާރާއަށް ވަދެ ވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ. މެމްބަރުން ވިދާޅުވީ މަޖްލިސް އިދާރާއަށް ވަނުމަކީ އެބޭފުޅުންގެ ގާނޫނީ ޒިއްމާ ކަމަށެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިހް(އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނުގެ އިތުރުން ހިތަދޫ އުތުރު އަދި މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށެވެ.