Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ގާސިމަށް އިތުރު 5 ދުވަސް ދީފި

ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ހޮނަރަބަލް ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު ކަރެކްޝަނަލް ސާވިސްއިން އަނެއްކާވެސް 5 ދުވަހަށް އިތުރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށައެޅި ކަމުގެ ކުށް ސާބިތުވެ 3 އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ގާސިމް ވަނީ މިމަހުގެ 20 ވަނަ ދުވަހު ސިންގަޕޫރުގައި ހިތުގެ އޮޕަރޭޝަނެއް ކޮށްފައެވެ.

ނަމަވެސް ގާސިމަށް ކަރެކްޝަންސް އިން ދިން 20 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ އިއްޔެ ރާއްޖެ އައުމަށް އަންގާފައިވެއެވެ. ޑޮކްޓަރުން ސިންގަޕޫރުގައި މަޑުކުރުމަށް ލަފާ އެރުވި ނަމަވެސް ގާސިމް ވަނީ ކަރެކްޝަންސްގެ އަމުރަށް ތަބާވުމަށް ފުރާވަޑައިގަތުމަށް މަސައްކަތް ކޮށްފައެވެ.

ނަމަވެސް ޑޮކްޓަރުން ފުރުމަށް ދެކޮޅު ހަދާފައިވާކަން އެނގުމުން ސިންގަޕޫރު އެއާލައިންސް އިން ވަނީ ގާސިމް އެއެއާލައިނުގައި ދަތުރުނުކުރެވޭނެ ކަމަށް އަންގައި ބޯޓަށް އެރުމަށް ހުއްދަ ނުދީފައެވެ.

ކަން މިހެން ވުމުގެ ސަބަބުން ކަރެކްޝަންސް އިން މިއަދު ގާސިމްގެ ބޭސްފަރުވާގެ މުއްދަތާމެދު ގޮތެއް ނުނިންމާ ކަމަށް ބުނެފައިވަނިކޮށް ދާދި ދެންމެއަކު ވަނީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އަނެއްކާވެސް ފަސް ދުވަހަށް އިތުރުކޮށްދީފައެވެ.