ހުޅުމާލޭގައި އަލަށް އިމާރާތްކުރި ފްލެޓް ތަކުގެ ތެރެއިން 661 ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެއް އާއްމުކޮށްފިއެވެ.
ފްލެޓަށް އެދި ހުށަހެޅި އެތައް ހާސް މީހުންގެ ތެރެއިން 661 މީހަކު ހޮވައި މިއަދު އާއްމުކޮށްފައިވާ އިރު އެމީހުންނަށް ލިބުނު ޕޮއިންޓާއި ނަން ވަނީ ސިއްރުކޮށްފައެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފްލެޓްތަކާއި ގުޅޭ ގޮތުން މާދަމާ މެންދުރު ހާއްސަ ނޫސް ކޮންފަރެންސެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފްލެޓްތަކުގެ ތެރެއިން މާލޭގެ ކެޓަގަރީ އެކެއް އާއި ކެޓަގަރީ ދޭއްގެ ފްލެޓްތަކަށް ޝަރުތުހަމަވެ ފްލެޓް ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ފައިނަލް ލިސްޓް އާންމު ކުރިޔަސް އެ ލިސްޓުގައިވާ މީހުންގެ މައުލޫމާތު އިތުރަށް ސާފު ކުރާނެ ކަމަށެވެ.
ފްލެޓާއި ގުޅިގެން އާއްމުން ޝަކުވާ ކުރަމުން އަންނަ އިރު އެކަމަކަށް ހައުސިން މިނިސްޓްރީން އެދެވޭ ޖަވާބެއް އަދި މިހާތަނަށް ދީފައި ނުވެއެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ފްލެޓް ދޫކުރާނެކަމަށެވެ.