ކޯޓު މެދުވެރިކޮށް ޕާޓީގެ ކޮންޓްރޯލް ރައީސް ޔާމީންގެ ފެކްޝަނަށް ލިބުނު ނަމަވެސް، އެ ފެކްޝަނުގެ ތެރޭގައި ވެސް ކޯޅުންތައް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ. އެކަން ހާމަވާ އެއްކަމަކީ، "ފޫގޮސްފައިވާ" ޕީޕީއެމްގެ ޕީޖީގެ ވައިބަރ ގްރޫޕެވެ.
ޕީޕީއެމް ޕީޖީގެ ވައިބަރ ގްރޫޕުން ފާއިތުވި އޯގަސްޓް މަހު ލީކްވެފައިވާ މެސެޖްތަކެއްގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ގއ. އަދި ގދ. ގެ ބަނދަރުތައް "އަމާން" ނޫން ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ އެ ދެ ސަރަހައްދުގެ ކައުންސިލްތައް ސަރުކާރަށް ނުލިބުމާއި އެ ދެ އަތޮޅުގެ މަޖްލިސް މެމްބަރުން ސަރުކާރާއި ދެކޮޅުވެރިވެ އެ ދާއިރާތަކުގެ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސްގެ ވާހަކަފުޅަށް ފަހު ގއ. އަދި ގދ. ގެ ބަނދަރުތައް "އަމާން" ކުރުމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވަޒީރުން ވެސް ގިނަ ހަރަކާތްތަކެއް ވަނީ ހިންގަވާފައިވެއެވެ. ގިނަ ހުވަފެންތަކެއް ވަނީ ދައްކަވާފައެވެ.

ރައީސްގެ ވާހަކަފުޅަށް، މަހެއްހާ ދުވަސްފަހުން އިއްޔެ އެމަނިކުފާނު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުން ހާމަވެގެން ދިޔައީ އަދިވެސް ރައީސް ޔާމީނަށް އެ ބަނދަރުތައް "އަމާން" ނޫންކަމެވެ.
ރައީސް އަބްދުﷲ ޔާމީން ގއ އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅާއި ދިމާކޮށް ގއ. ވިލިނގިލީ ރައްޔިތުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްފައެވެ.
ރައީސް ވިލިނގިއްޔަށް ވަޑައިގަންނަވާތީ އެރަށުގެ ބައެއް ރައްޔިތުންވަނީ ބަނަދަރު ސަރަހައްދުގައި އެމަނިކުފާނާއި ދެކޮޅު މެސެޖް ލިޔެފައިވާ ބެނާ ހަރުކޮށް ބަނދަރުގައި އަޅާފައިވާ ދޯނި ފަހަރުގައި ދިދަ ހަރުކޮށްފައެވެ. ނަމަވެސް އެމަނިކުފާނު އެރަށައް ވަޑައިގަތުމުގެ ކުރިން ފުލުހުން ވަނީ އެ ތަކެތި ނަގާފައެވެ.
ފުލުހުންނާއި ހަތިޔާރު އެޅި ސިފައިންގެ އެހީތެރިކަމާއި އެކު ރައީސް ޔާމީން ވިލިނގިއްޔަށް އަރާވަޑައިގަތަސް އެމަނިކުފާނަށް އެ ރަށުގެ ބަނދަރު "އަމާން" ނޫންކަން ވަނީ ފެނިފައެވެ.
އަބަދުވެސް ޕީޕީއެމް އަށް ތާއީދު ބޮޑު ގއ. ވިލިނގިލިން ރައީސްގެ މިދަތުރުފުޅުން ހާމަވެގެން ދިޔައީ، ރައީސް ޔާމީން މީގެ ކުރިން ވިދާޅުވި ގޮތަށް ބަނދަރު "އަމާން" ނޫންކަމެވެ. ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދެން ބާއްވާ އިންތިހާބަކުންވެސް ސަރުކާރަށް އަދި ރައީސް ޔާމީނަށް ހުވަދު އަތޮޅުން "އަމާން" ކަމެއް ނެތް ކަމެވެ.
ފުލުހުންގެ ސަފުތަކުގެ ފަހަތުގައި ތިބެ އެތައް ބަޔަކު ރައީސް ޔާމީނާއި ދެކޮޅަށް އަޑުއުފުލިއެވެ. ހާއްސަކޮށް އެ ދާއިރާގެ މެމްބަރ ސައުދު ހުސެއިންގެ ގޮނޑި ގެއްލުނުކަމަށް އިލެކްޝަން ކަމިޝަނުން ނިންމި ނިންމުން ގަބޫލް ނުކުރާކަމަށާއި ދާއިރާގެ މެންބަރަކީ އަދިވެސް ސައުދު ކަމަށް އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ އަޑު އުފުލާފައެވެ.
އަބަދުވެސް ޕީޕީއެމް އަށް ތާއީދު ބޮޑު ގއ. ވިލިނގިލިން ރައީސްގެ މިދަތުރުފުޅުން ހާމަވެގެން ދިޔައީ، ރައީސް ޔާމީން ކުރިން ވިދާޅުވި ގޮތަށް ބަނދަރު "އަމާން" ނޫންކަމެވެ. އެ ބަނދަރުތައް "އަމާން" ކުރުމަށް ފާއިތުވި މަހެއްހާ ދުވަހު ޕީޕީއެމްގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމެވެ. ނުވަތަ އެ މަސައްކަތް ރައްޔިތުން ބަލައިގަނެފައި ނުވާ ކަމެވެ.
ސަރުކާރުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ދެން ބާއްވާ އިންތިހާބަކުންވެސް ސަރުކާރަށް އަދި ރައީސް ޔާމީނަށް ހުވަދު އަތޮޅުން "އަމާން" ކަމެއް ނެތް ކަމެވެ.