ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެމުންދާއިރު ރޭ ޖަރުމަނުވިލާތުގެ ބޮރޫޝިޔާ ޑޯޓްމަންޑާއި ރެއާލް މެޑްރިޑް ކުޅުނު މެޗު 3-1 އިން ރެއާލް ކާމިޔާބުކޮށްފިއެވެ.
ރަށުން ބޭރުގައި ރެއާލް ކުޅުނު މިމެޗުން ލިބުނު މޮޅާއެކު އެޓީމަށް ވަނީ ކުރިއަށް ދިއުމުގައި އިތުރު ލުއިކަމެއް ހޯދާފައެވެ. މެޗުގެ ފުރަތަމަ ލަނޑުވެސް ރެއާލުން ޖަހާފައިވާއިރު މިލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައި ގެރެތް ބޭލްއެވެ.
ބޭލްގެ ލަނޑާއެކު ހާފު ނިމިގެން ގޮސްފައިވާއިރު ރެއާލްގެ ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޖަހާފައިވަނީ ރޮނާލްޑޯއެވެ. އޭނާގެ ގޯލަށްފަހު މާގިނައިރުތަކެއް ނުވެ ޑޯޓްމަންޑުގެ އައުބަމަޔެންގެ ވަނީ އެޓީމަށް ލަނޑެއް ޖަހާ ދީފައެވެ.
ނަމަވެސް ރޮނާލްޑޯ ވަނީ 79 ވަނަ މިނެޓުގައި ލަނޑު ޖަހައި މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ޑޯޓްމަންޑަށް އަދި މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި މޮޅެއް ލިބިފައެއް ނުވެއެވެ. ގްރޫޕުގެ ބާކީ އޮތް ދެޓީމު، ޓޮޓެންހަމް އަދި މަރިބޯ ބައްދަލުކުރި މެޗު ޓޮޓެންހަމް ވަނީ ފަސޭހަކަމާއެކު 0-3 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ތިން ލަނޑުވެސް ޖަހާފައިވަނީ ހެރީ ކޭންއެވެ.
މެންޗެސްޓާ ސިޓީ އަދި ޝާކްތާރު ބައްދަލުކުރި މެޗު 0-2 އިން ސިޓީ ކާމިޔާބުކޮށްފައިވާއިރު ލިވަޕޫލަށް މޮސްކޯއާ ދެކޮޅަށް ކުޅުނު މެޗު ނިންމާލަން ޖެހުނީ 1-1 އިން އެއްވަރުވެ އަނެއްކާވެސް ޕޮއިންޓަކުން ފުއްދާލައިގެންނެވެ.