Last Updated: April 26, 10:28
Friday, April 26, 2024
ޚަބަރު

ފޭސްބުކް މަނާ ކުރާނެކަމުގެ އިންޒާރު ދީފި

ދުނިޔޭގައި އެންމެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ސޯޝަލް މީޑީއާ ނެޓްވާރކް ފޭސްބުކް، މަނާކުރާނެ ކަމުގެ އިންޒާރު ރަޝިޔާގެ މުވާސަލާތީ ކަންކަމާއި ބެހޭ އިދާރާއިން ދީފިއެވެ.

ރަޝިޔާގެ މުވާސަލާތީ އިދާރާ، ރަސްކޮމްނަޑްޒަރގެ ވެރިޔާ އެލެކްސެންޑަރ ޖަރޯ ވަނީ އާއްމު މަޢުލޫމާތު ރައްކާކުރުމުގެ ޤާނޫނަށް ތަބާނުވާނަމަ، 2018ވަނަ އަހަރު އެޤައުމުގައި ފޭސްބުކް މަނާކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

2015 ވަނަ އަހަރުން ފެށިގެން ރަޝިޔާގައި އަމަލު ކުރަން ފެށި އާއްމު މަޢުލޫމާތު ރައްކާކުރުމުގެ ޤާނޫނުގެ ދަށުން، އެޤައުމުގައި ވިޔަފާރި ހިންގާ ކުންފުނިތަކުން އެއްކުރާ އެޤައުމުގެ އާއްމުންގެ ޒާތީ މަޢުލޫމާތު، އެޤައުމުގައި ރައްކާކުރަން ޖެހެއެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ޑިމިޓްރީ ޕެޝްކޯ ވިދާޅުވެފައިވާ ގޮތުގައި ފޭސްބުކަކީ ރަޝިއާގައި ވިޔަފާރިކޮށް ނަފާހޯދާ ކުންފުންޏެއް ކަމަށް ވާތީ ފޭސްބުކުން ވެސް ރަޝިއާގެ ޤާނޫނުތަކަށް ތަބާވުމަކީ ލާޒިމް ކަމެއް ކަމަށެވެ.

ރަޝިޔާގައި އަމަލުކުރަން ފެށި އާއްމު މައުލޫމާތު ރައްކާކުރުމުގެ ގާނޫނާއި ބެހޭ ގޮތުން ރަޝިޔާ ސަރުކާރާއި ފޭސްބުކާއި ދެމެދު އަދި މަޝްވަރާތަކެއް ކުރެވިފައެއް ނުވެއެވެ.

ރަޝިޔާގެ މުވާސަލާތީ އިދާރާ، ރަސްކޮމްނަޑްޒަރ އިން ބުނެފައިވާ ގޮތުގައި، އާއްމު މައުލޫމާތު ރައްކާކުރުމުގެ ގާނޫނަށް 2018 ވަނަ އަހަރުން ފެށިގެން ޢަމަލު ކުރަން ފަށާނެކަން ޓްވިޓަރ އިން މިހާރު ވަނީ އަންގާފައެވެ.

ރަޝިއާގެ އާއްމުންގެ ޒާތީ މަޢުލޫމާތު ރައްކާކުރުމުގެ ޤާނޫނަށް އަމަލު ނުކުރުމަށް ދެކޮޅު ހެދުމުން މީގެ ކުރިން ބައެއް ސޯޝަލް ނެޓްވޯކްތައް އެ ގައުމުގައި ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި މައިކްރޯސޮފްޓުން ހިންގާ ލިންކްޑިން ހިމެނެއެވެ.