Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި ކަރަންޓް ކަނޑަނީ

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނު ގޭގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެކި ސަރަހައްދު ތަކުން ކަރަންޓު ކަނޑަން ފަށައިފިއެެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ، ގުޅިފައިވާ ރަށްތަކުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ފަށާފައި ވަނީ 2 އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކަމަށެވެ.

ފެނަކައިން ގޭބިސީތަކަށް ފޮނުވި ނޯޓިސްގައި ބުނެފައިވާ ގޮތުން ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 7 ދުވަހުގެ މުއްދަތެއް ނަގާނެއެވެ. އަދި މި މުއްދަތުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާނީ ގަޑިތަކަށް ބަހާލައިގެން ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭން ބޭނުން ކުރާ އިންޖީނެެއްގައި މައްސަލައެއް ޖެހިގެން ކަރަންޓް ކަނޑަން ޖެހުމަކި ވަރަށް އާންމު ކަމެކެވެ. މިކަމާ ގުޅިގެން އާންމުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފެނަކައިން އަބަދުވެސް ބުނެއެވެ. އެހެން ނަމަވެސް ދޭތެރެއަކުން އިންޖީނުތަކަށް މައްސަލަ ޖެހި ކަރަންޓު ކަނޑަން ޖެހުމުގެ މައްސަލައަށް މިހާތަނަށް ހައްލެއް ލިބިފައެއް ނުވެއެވެ.

ދާދިފަހުން މީޑިޔާތަކަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކަރަންޓު ކެނޑުން ހައްލުކުރުމަށް ބެކަޕް ޖެނެރޭޓަރު ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.