އަންނަ މަހުގެ 11 ގައި ފާހަގަ ކުރާ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަމީތާބު ބައްޗަންގެ 75 ވަނަ އުފަން ދުވަސް ފާހަ ކުރުމަށް ރާއްޖެ އަންނަން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ހަބަރު ފަތުރައިފި އެވެ.
އިންޑިއާގެ ބޮލީވުޑް ހަބަރު ގެނެސްދޭ ބައެއް ނޫސް ތަކުގައި ބުނެފައިވަނީ އަމީތާބްގެ އުފަން ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް އާއިލާއާ އެކު ރާއްޖެ އަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަމީތާބު ރާއްޖޭގައި އުފަން ދުވަސް ފާހަގަ ކުރަން އުޅޭއިރު މިދިޔަ އަހަރު އަމީތާބުގެ ދަރިފުޅު އަބީޝެކްގެ އުފަން ދުވަސް ވަނީ ރާއްޖޭގައި ފާހަގަކޮށްފަ އެވެ.
އަމީތާބު އުފަން ދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު މިދިޔަ މަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވުމަށް އަމީތާބު ރާއްޖެ އައުމަށް ގަސްދުކުރެއްވުމާ އެކު ސޯޝަލް މީޑިޔާގައި އިދިކޮޅު ފަރާތްތަކުން ވަނީ ރާއްޖޭގެ ސިޔާސީ ހާލަތު ގޯސްވުމުގެ ސަބަބުން ރާއްޖެ ވަޑައިނުގަތުމަށް އެދި ޓުވީޓުކޮށްފައެވެ.
އަދި އެގޮތަށް ޓްވީޓްކޮށްފައިވަނިކޮށް އަމީތާބުގެ ދަތުރުވަނީ ފަހު ވަގުތު ކެންސަލް ކޮށްފައެވެ. ނަމަވެސް އެއީ ކޮން ސަބަބަކާއި ގުޅިގެންކަން އަމީތާބުގެ ފަރާތުން ހާމަކޮށްފައި ނުވެއެވެ.