Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރައްޔިތުން ކައިރިއަށް ދަނީ ތާއީދު ނެތްކަން އެނގުމުން: ސައުދު

ރައީސް އަބްދުﷲ ޔާމީން ވިލިނގިއްޔަށް ގޮސްފައިވަނީ ތާއީދު ނެތް ކަން އެނގިވަޑައިގެންނެވުމުން ކަމަށާއި އިތުރު ގޮތެއް ނެތިގެން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ގ.އ އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅެއްގައި އިއްޔެ ވިލިނގިއްޔަށް ވަޑައިގެން ރޭ އެރަށުގައި ޖަލްސާއެއްވެސް ބާއްވާފައިވެއެވެ. ޖަލްސާގައި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ސައުދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ސައުދު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމުން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސައުދު ހައްޔަރުކުރުމުން ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސައުދު ވަގުތުން މިނިވަން ކުރުމަށް ގޮވާލައި މަގުތަކުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

ރައީސް ޔާމީން އިއްޔެ ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅަށް ފާޑުވިދާޅުވަމުން ސައުދު ބުނެފައިވަނީ ރައީސް ޔާމީނާއެކު ހުންނެވިއިރު އެތައް ފަހަރެއްގެ މަތިން ވިލިނގިލި ރައްޔިތުންނާ ބައްދަލުކުރުމަށް ވަޑައިގަތުމަށް އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު ރައީސް ވިލިނިގިއްޔަށް ވަޑައިނުގަނެ މިއަދު ކުއްލިއަކަށް ވަޑައިގަތުމުން ތާއީދު ނެތްކަން އިހުސާސް ކުރެވިފައިވާ ކަމަށް ސައުދު އިތުރުކޮށްފައިވެއެވެ.

އަދި ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވިލިނގިއްޔާއި ކޮލަމާފުށީގެ ރައްޔިތުން ވަރަށް ސާބިތުކަމާއެކު ރައީސް ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށާއި ދެންވެސް އިންތިޚާބެއް ބާއްވައިފިނަމަ ސާފުކޮށް ނޫނެކޭ ބުނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުން ވަނީ އިންތިޚާބުގައި ގޮނޑި ގެއްލުނު މެމްބަރުން ތަމްސީލުކުރާ ހުރިހާ ދާއިރާއެއް ޕީޕީއެމުން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.