Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ވަކީލުންނަށް އެޅި ފިޔަވަޅު އަނބުރާ ގެންދަން ގޮވާލައިފި

ވަކީލުން ސްޕްރީމް ކޯޓު ސަރަހައްދުގައި، ފޮޓޯ: އަވަސް

މިމަހުގެ 10 ވަނަ ދުވަހު 54 ވަކީލަކު ސަސްޕެންޑުކުރުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް(އައިސީޖޭ) އިން ގޮވާލައިފިއެވެ.

ބައިނަލްއަގުވާމީ އިދާރާއިން ގޮވާލާފައިވަނީ ވަގުތުން ސުޕްރީމް ކޯޓުގެ ނިންމުން އަނބުރާ ގެންގޮސް، ވަކީލުންގެ ސަސްޕެންޝަން އުވާލުމަށެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މިމައްސަލާގައި އަމަލުކޮށްފައިވަނީ ބައިނަލް އަގުވާމީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.

އަދި ވަކީލުންގެ ރޯލު މުހިންމު ވެފައި އެއްފަހަރާ ގިނަ އަދަދެއްގެ ވަކީލުން ސަސްޕެންޑު ކުރުމަކީ އޭގެ އަސަރު މުޅި ޝަރުއީ ދާއިރާއަށް ކުރާނެ ކަމެއް ކަމަށް އައީސީޖޭއިން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން ވަކީލުންނާ ދެކޮޅަށް އަމަލުކޮށްފައިވަނީ ޖަވާބުދާރީ ވުމަށް ވަކީލުންނަށް ފުރުސަތެއް އެރުވުމެއް ނެތި، އެއްވެސް ތަހުގީގެއް ހިންގުމެއްވެސް ނެތި ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މިމަހުގެ 10 ވަނަ ދުވަހު ސުޕްރީމް ކޯޓުން 54 ވަކީލަކު ސަސްޕެންޑުކޮށްފައިވަނީ ޝަރުއީ ދާއިރާއާ މެދު ކަންބޮޑުވުންތަކެއް ހުރިކަމަށްބުނެ އިސްލާހުކުރުމަށް ޕެޓިޝަނެއް ހުށައަޅައި އޭގައި ސޮއިކޮށް ކޯޓު ކައިރިއަށް އެއްވުމުގެ ސަބަބުންނެވެ.