Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

އަނަސް މަރާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

އަނިޔާވެރިގޮތަކަށް މަރާލި ޒުވާން ކެޕްޓަން އަނަސް-

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފުލުހުން ހޯދަން އިއްލާން ކުރި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އަނަސް މަރާލި މައްސަލާގައި ފުލުހުން ހޯދަން އިއްލާން ކުރި ދެމީހުންގެ ތެރެއިން މިހާރު ހައްޔަރުކޮށްފައިވަނީ ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ޝާޒުއެވެ.

މި މައްސަލާގައި ދެން ފުލުހުން ހޯދަމުން ދަނީ މ. ލޮނުމިދިލިގޭ އުމުރުން 21 އަހަރުގެ އަފްރާހު އަބްދުއްރައްޒާގެވެ.

އަނަސްގެ މަރާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މ. ދިމިޝްގު އާއި މ. އަސަރީހިޔާ ބަލައި ފާސްކޮށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

އަނަސް މާރާލާފައިވަނީ އޭނާ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ވަނުމުން ފަހަތުން ދިޔަ ގްރޫޕް އެތާގެ ތެރޭގައި ވަޅިން ހަމަލާދީގެންނެވެ. އަނަސް މަރާލީ ކޮން ސަބަބަކާއި ގުޅިގެންކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.