ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީ ގައި އެތްލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު ފަހަތުން އަރައި 2-1 އިން ޗެލްސީ މެޗު ކާމިޔާބުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓުގައި ގްރީޒްމަން ޖަހާފައިވާއިރު ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ ދެވަނަ ހާފުގައި މޮރާޓާއެވެ. މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް މެޗުން މޮޅުވި ލަނޑު ޗެލްސީއަށް ޖަހާދީފައިވަނީ ބަޓްޝުއައިއެވެ. މިގްރޫޕުގައި ރޯމާ އަދި ގަރަބަރް ކުޅުނު މެޗު ރޯމާ ވަނީ ކާމިޔާބުކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ދެ މެޗުން 6 ޕޮއިންޓު ހޯދައިގެން ޗެލްސީއެވެ.
ގްރޫޕު އޭ ގައި މެންޗެސްޓާ ޔުނައިޓެޑު ސީއެސްކޭއޭ މޮސްކޯ ފަސޭހަކަމާއެކު 4-1 އިން ބަލިކޮށްފައިވާއިރު ބާސެލް ވަނީ 0-5 އިން ބެންފީކާގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ލިބެނީ ޔުނައިޓެޑަށެވެ. ލުކާކޫގެ ދެ ލަނޑު ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު ޔުނައިޓެޑުގެ އިތުރު ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޕެނަލްޓީއަކުން މާޝިއަލް އަދި ދެވަނަ ހާފުގައި މިޚިތަރިޔާންއެވެ. މޮސްކޯގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖަހާފައިވަނީ ކުޗާވްއެވެ.
ގްރޫޕު ބީ ގެ ވަރުގަދަ މެޗުގައި ޕީއެސްޖީ ވަނީ ހާސްކަމެއް ނެތި ބެޔާން މިއުނިކް ބަލިކޮށްފައެވެ. ބުންޑަސްލީގާ ޗެމްޕިއަންގެ މައްޗަށް ޕެރިހުން ކުރި ހޯދާފައިވަނީ 0-3 އިންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޑެނި އަލްވެސް ޖަހާފައިވާއިރު ކަވާނީ އާއި ނޭމާވެސް ވަނީ ރޭގެ މެޗުގައި ލަނޑު ޖަހާފައެވެ. މި ގްރޫޕުގައި ރޭ ސެލްޓިކާއި އަންޑަލޭޓް ބައްދަލުކުރި މެޗު 3-0 އިން ސެލްޓިކް ވަނީ ކާމިޔާބުކޮށްފައެވެ.
ގްރޫޕުގެ ޑީ ގެ މެޗުތައްވެސް ރޭ ކުޅެފައިވާއިރު ބާސާ އަދި ޔުވެންޓަސްވެސް ވަނީ ކުޅުނު މެޗުތަކުން މޮޅު ހޯދާފައެވެ. ޔުވެންޓަސް 0-2 އިން އޮލިމްޕިއާކޮސް ބަލިކޮށްފައިވާއިރު ބާސާއަށް ސްޕޯޓިންގެ މައްޗަށް ކުރި ހޯދިފައިވަނީ އެންމެ ގޯލަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ ސްޕޯޓިންގެ ކޯޓްސް އަތުން ބައިކޮޅަށް ވަދެގެންނެވެ. ޔުވެންޓަސްގެ ލަނޑުތައް ޖަހާފައިވަނީ ހިގުއެއިން އަދި މަންޒޫކިޗްއެވެ.