ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރު އަބްދުﷲ ރިޔާޒު އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ރިޔާޒް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ފުލުހުންނާ ދެކޮޅަށް ހަގީގަތާ ޚިލާފު ދޮގު ވާހަކަ ދައްކައި ފުލުހުންގެ މުއައްސަސާއާ މެދު ފިތުނަ އުފެއްދުމަށް މަސައްކަތް ކުރުމާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށެވެ.
މި ތުހުމަތުތަކާ ގުޅިގެން ރިޔާޒާ ސުވާލުކޮށް ބަޔާން ނެގުމަށް މިރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވާއިރު ފުލުހުން ވަނީ މީގެ ކުރިންވެސް ރިޔާޒާ ދެކޮޅަށް ދައުވާ ކޮށްފައެވެ. ތަހުގީގަށް ރިޔާޒްގެ ފޯނު ހުޅުވައި ނުދިން މައްސަލަ ކޯޓަށް ހުށައެޅުމުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
މީގެ އިތުރުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫއަޅުވާލައި ވަން މައްސަލާގައި ދައުލަތުން ދައުވާ ކުރާ އިދިކޮޅު 12 މެމްބަރުންގެ ތެރޭގައިވެސް ރިޔާޒް ހިމެނެއެވެ.