Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ޗައިނާ މިޔަންމާ އަށް އެހީވާތީ ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

ޗައިނާ ސަރުކާރުން މިޔަންމާރު ސަރުކާރަށް ތާއީދުކޮށް އެހީތެރިވާތީ ކަންބޮޑުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޗައިނާ ސަރުކާރުން ބަރުމާއަށް އެހީތެރިވުމުން ދިވެހިން ފާޅުކުރާ ކަންބޮޑުވުން ތިމަން މަނިކުފާނުވެސް ފާޅުކުރާ ކަމަށެވެ. އަދި މިޔަންމާ ސަރުކާރުން ގެންގުޅޭ އަނިޔާވެރި ސިޔާސަތު ނިމުމަކަށް ގެނައުމަށް ނަޝީދު ވަނީ ގޮވާލާފައެވެ.

މިޔަންމާ ސިފައިން އެގައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން އަންނަ ގަތުލު އާންމު ކުށްވެރިނުކޮށް އެގައުމާއި އެއްކޮޅަށް އެންމެ ފުރަތަމަ އެރި ގައުމަކީ ޗައިނާއެވެ.

މުޅި ދުނިޔެއިންވެސް މުސްލިމުންނަށް އެންމެ ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވާ އެއް ގައުމަކަށް ޗައިނާ ވެފައިވާ ކަމީ މުޅި ދުނިޔެ ހެކިވާ ހަގީގަތެކެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އިންޑިޔާ ސަރުކާރުންވެސް ވަނީ ބަސް ބުނެފައެވެ. އިންޑިޔާ ސަރުކާރުން ވަނީ އެގައުމުން ރޮހިންޖާ މުސްލިމުން ބޭރުކުރުމުގެ މަސައްކަތް ފަށައި، މިޔަންމާ ސިފައިންނަށް ހަތިޔާރު ދިނުމަށްވެސް އެއްބަސްވެފައެވެ. ނަމަވެސް އިންޑިޔާ ސަރުކާރާމެދު ކަންބޮޑުވާ ކަމަށް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.