Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އައްޑޫ އޯޕަންސް ބެޑްމިންޓަން މުބާރާތް އަންނަ މަހު

އައްޑޫ ބެޑްމިންޓަން ކުލަބުން އިންތިޒާމުކޮށްގެން ބާއްވާ އޭބީސީ އައްޑޫ އޯޕަންސް ބެޑްމިންޓަން ޗެމްޕިއަންޝިޕް 2017 އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

އޮކްޓޯބަރު 7 އިން 13 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މައިގަނޑު އެއް އަމާޒަކީ ރާއްޖޭގައި މިހާރު ބެޑްމިންޓަންގައި އެންމެ އުހުގައި ފިޔަ ޖަހަމުންދާ ތަރިން އައްޑޫގެ ފަސްގަނޑުގައި އައްޑޫ ކުޅުންތެރިންނާ ވާދަކޮށް ތަޖުރިބާ ހޯދުން ކަމަށް އޭބީސީން ބުނެފައިވެއެވެ.

އޭބީސީގެ ޗެއާޕާސަން އަޙުމަދު ނަދީމް "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބެޑްމިންޓަން ގައުމީ ޓީމުގެ ކުޅުންތެރިންވެސް މިމުބާރާތުގައި ވާދަކުރުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މުބާރާތުގައި 5 އިވެންޓެއް ކުރިއަށް ދާނެއެވެ. އެއީ މެންސް ސިންގަލް، މެންސް ޑަބަލް އަދި ވިމެންސް ސިންގަލްގެ އިތުރުން ވިމެންސް ޑަބަލްއާއި މިކްސް ޑަބަލްއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އޭބީސީ ގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭ ގޮތަށް މިހާރު ވަނީ އިންތިޒާމުކޮށްފައެވެ. މީގެ އިތުރުން ފޯމު ބައްލަވައިގަންނަން އެދޭ ފަރާތްތަކަށް ހިތަދޫ ޔޫތް ސެންޓަރުންވެސް ފޯމު ލިބޭނެއެވެ. މިމުބާރާތް ކުރިއަށް ދާނީވެސް ހިތަދޫ ޔޫތް ސެންޓަރުގައެވެ.

ބެޑްމިންޓަނަކީ މިހާރު މުޅި ރާއްޖޭގައިވެސް މަގުބޫލު ކުޅިވަރަކަށް ވެފައިވާއިރު މިމުބާރާތުގެ ސަބަބުން އައްޑޫ ކުޅުންތެރިންނަށް ކުރިއަށް އޮތް އަތޮޅު ލީގަށް ފަރިތަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދާނެއެވެ. ތަށި ދިފާއުކުރުމަށް އައްޑޫ އަނެއްކާވެސް މިއަހަރު ނިކުންނައިރު މިމުބާރާތުން ކުޅުންތެރިންނަށް އިތުރު ހިތްވަރަކާއި ޖޯޝެއް ލިބިގެންދާނެ ކަމަށް އޭބީސީން އުއްމީދު ކުރެއެވެ.