Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އެހެން ވަކީލަކު ހޯދަން އިބްރާހިމްދީ އަށް 10 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ދީދީގެ ވަކީލު މައްސަލައިން ތަނާޒުލް ވުމުން އެހެން ވަކީލަކު އައްޔަން ކުރުމަށް ކޯޓުން އިބްރާހިމްދީއަށް 10 ދުވަސް ދީފިއެވެ.

އިބްރާހިމްދީގެ ވަކީލު ވަނީ މިމައްސަލާގައި ދީދީ ތަމްސީލު ކުރެއްވުމަށް އުޒުރުވެރިވާ ކަމަށް ބުނެ ވަކީލު ކަމުން ތަނާޒުލުވެފައެވެ. ކޯޓުގައި އިބްރާހިމްދީ ވަނީ ވަކީލަކު ކަނޑައެޅުމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ދައުލަތުން އިބްރާހިމްދީގެ އެދުމަށް ދައުލަތުން އިއުތިރާޒު ވެފައިނުވުމުން މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ އާދަމް ވަނީ އިބްރާހިމްދީ އަށް އެހެން ވަކީލަކު ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުހުލަތެއް ދީފައެވެ.

ދެން މިމައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00 ގައެވެ. އެއިރަށް ވަކީލަކު ހަމަޖައްސަވައި ތައްޔާރީތައް ވުމަށް ކޯޓުން ވަނީ އިބްރާހިމްދީގެ މައްޗަށް އަމުރުކޮށްފައެވެ.

ދައުލަތުން އިބްރާހިމްދީއާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދު ހައްޔަރުކުރިއިރު ގައުމީ ދިފާއީ ބާރުގެ މާލޭ އޭރިޔާ ކޮމާންޑަރަކަށް އިބްރާހިމްދީ ހުންނަވައި އޮޕަރޭޝަން ކުރިއަށް ގެންދިޔަ ކަމުގެ ތުހުމަތުގައެވެ.