Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

އައްޑޫން ކަރަންޓް ކަނޑަނީ އިންޖީނެއްގެ ތެރެއަށް ދަވާދު އެޅިގެން!

އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑަމުންދަނީ އިންޖީނެއްގެ ތެރެއަށް ދަވާދު އެޅިގެން ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު އެނގި ހުރި މީހަކު ބުނީ އައްޑޫ މަރުކަޒީ އިންޖީނުގޭގައި އަލަށް ބަހައްޓާ ދެ ޖަނަރޭޓަރ ބެހެއްޓުމަށް އަޅަމުންދާ އިމާރާތުގެ މަސައްކަތް ކުރަމުން ދަނިކޮށް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މީހެއްގެ އަތުން ދަވާދު ދަޅެއް ވެއްޓި އެތަނުގައި ބޭނުން ކުރަމުން ދިޔަ ޖަނަރޭޓަރެއްގެ ތެރެއަށް ދަވާދު އެޅުމާއި ގުޅިގެން އެ އިންޖީނު ނިއްވާލާފައިވާ ކަމަށެވެ.

އަދި އިންޖީނު ތެރެއަށް އެޅުނު ދަވާދު ސާފު ކުރަމުން އަންނަ ކަމަށެވެ. އޭނާ ބުނީ މި މަސައްކަތް ކުރަމުން ދަނިކޮށް މިހާރު އިތުރު އެހެން ދެ އިންޖީނަކަށް މައްސަލަ ދިމާވެގެން ލޯޑު ނުހިފެހެއްޓޭ ކަމަށެވެ.

"މަސައްކަތް ކުރަމުން ދިޔަ މީހެއްގެ އަތުން އިންޖީނު މައްޗަށް ދަވާދު ދަޅެއް ވެއްޓި ދަވާދުތައް އިންޖީނުގެ ޑައިނަމޯ ތެރެއަށް އެޅިގެން އުޅެނީ، އެހެންވެ ވަގުތުން އިންޖީނު ނިއްވާލައި އެސާފު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދަނިކޮށް އިތުރު އިންޖީނުތަކަށް މައްސަލަ ދިމާވީ"

ފެނަކަ ކޯޕަރޭޝަންގެ އިސް ވެރިއަކު ވެސް ވަނީ އިންޖީނެއްގެ ތެރެއަށް ދަވާދު އެޅުނުކަން ޔަގީންކޮށްދީފައެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދަވާދު އެޅުމާއި ގުޅިގެން އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ހުރިހާ ހަރަދެއް މަސައްކަތުގެ ކޮންޓެރެކްޓަރ ދިނުމަށް ވަނީ އެއްބަސް ވެފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކަނޑަމުން އަންނަ އިރު އިންޖީނުތައް މަރާމާތު ކުރުމަށް އިތުރު ހަތަރު ދުވަސް ނަގާފާނެކަމަށް މައުލޫމާތު ލިބެއެވެ. އެހެންވެ ގަޑިއަކުން ގަޑިއަކުން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާނެއެވެ. މީގެ އިތުރުން ލޯޑް ދަށް ކުރުމަށް މަގު ބައްތި ހުންނާނީ ނިއްވާލާފައެވެ.