Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ބެޔާންގެ ކޯޗުކަމުން އެންޗެލޮޓީ ވަކިކޮށްފި

ބެޔާން މިއުނިކްގެ ކޯޗު ކަމުން ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ކުރިން ކޯޗުކަން ކޮށްދީފައިވާ ކާމިޔާބު ކޯޗު، ކާލޯ އެންޗެލޮޓީ ވަކިކޮށްފިއެވެ.

ރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ބެޔާން ބަލިވުމާއެކު އެންޗެލޮޓީގެ މަގާމު ކުލަބުން ވަނީ ހުސްކޮށްލާފައެވެ. މިދިޔަ ސީޒަނުގައި ކުލަބުގެ ކޯޗުކަމާއި އެންޗެލޮޓީ ހަވާލުވުމަށްފަހު އޭނާ ވަނީ މިދިޔަ ސީޒަނުގައި ބެޔާނަށް ލީގު ތަށި ނަގާދީފައެވެ.

ނަމަވެސް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ބެޔާން ވަނީ ބަލިވެފައެވެ. އަދި ޖަރުމަނު ކަޕުގައިވެސް ބެޔާނަށް ދެވުނީ އެންމެ ދުރަށް ސެމީ ފައިނަލާއި ހިސާބަށެވެ.

ސީޒަނުގެ މިހާ ކުރީކޮޅު އެންޗެލޮޓީ މަގާމުން ދުރުކުރުމުން ގިނަ ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. ނަމަވެސް ބެޔާން ލީގު ތާވަލުގެ ތިންވަނައިގައި އޮތުމުން އެންޗެލޮޓީއަށް ވަނީ ޕްރެޝަރާއި ކުރިމަތިވެފައެވެ. ލީގުގައި ހަތަރު މެޗުން ބެޔާން މޮޅުވެފައިވާއިރު އެއް މެޗުން އެއްވަރުވެ އެއް މެޗުން ވަނީ ބަލިވެފައެވެ.

އެންޗެލޮޓީ މަގާމުން ދުރުކުރުމުން ވަގުތީ ގޮތުން ޓީމާއި ހަވާލުވާނީ އޭނާގެ އެސިސްޓެންޓު ކޯޗު ވިލީ ސެގްނޯލްއެވެ. އެންޗެލޮޓީ ވަކިކުރުމާއި ގުޅިގެން ކުލަބުން ބުނެފައިވަނީ އުއްމީދުކުރި ނަތީޖާތަކެއް ސީޒަނުގެ މިހާ ހިސާބަށް އައިއިރު ލިބިފައިނުވާ ކަމަށެވެ.

ކުރިން އޭސީ މިލާން، ޕީއެސްޖީ އަދި ޗެލްސީ އާއި ރެއާލް މެޑްރިޑަށްވެސް ކޯޗުކަން ކޮށްދީފައިވާ އެންޗެލޮޓީ ވަނީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މޮޅު ކުޅުންތެރިން އުފައްދާފައެވެ. އަދި ގިނަގުނަ ކާމިޔާބީ އޭނާ ކޯޗުކަން ކުރި ޓީމުތަކަށް ހޯދާދީފައިވީ ނަމަވެސް ދިގު މުއްދަތަކަށް ކުލަބެއްގައި އޭނާ އަށް ވަނީ މަޑު ނުކުރެވިފައެވެ.

ޗެމްޕިއަންސް ލީގު ތާރީޚުގައި އެންމެ ކާމިޔާބު އެއް ކޯޗަކަށް އެންޗެލޮޓީ ވެފައިވާއިރު އޭނާ ވަނީ ތިން ފަހަރު ތަށި ކާމިޔާބުކޮށްފައެވެ. އޭސީ މިލާނުގައި ދެފަހަރު ތަށި ނަގާފައިވާއިރު ރިއަލް މެޑްރިޑްވެސް އޭނާގެ އިރުޝާދުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.