Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

"ޗައިނާއަކީ އަހެއް ނަމަ މުސްލިމުން މަރަން ތާއީދު ނުކުރާނެ"

ފޮޓޯ - ސަން

ޗައިނާ ސަރުކާރަކީ ދިވެހި ސަރުކާރުގެ "ގާތް ރައްޓެއްސެއް" ކަމަށް ވާނަމަ ރޮހިންޖާ މުސްލިމުން މެރުމަށް ތާއީދުނުކުރުމަށް ދިވެހި ސަރުކާރުން ޗައިނާއަށް ގޮވާލަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީން ޗައިނާގެ ކިބައިން ރޮހިންޖާ މުސްލިމުން އަނިޔާވެރިކޮށް މަރަމުންދާ މިޔަންމާރު ސަރުކާރަށް އެއްބާރުލުން ނުދޭން ގޮވާލަން ޖެހޭ ކަމަށެވެ.

މިޔަންމާ ސިފައިން ރޮހިންޖާ މުސްލިމުން މަރަން ފެށުމުން، އެކަން މުޅި ދުނިޔެއިން ކުށްވެރިކޮށް ހުއްޓުމަށް ގޮވާލަމުން ދިޔަ ދަނޑިވަޅުގައި މިޔަންމާރަށް ތާއީދުކުރާ ކަމަށްބުނެ އެންމެ ފުރަތަމަ ބަސް ބުނެފައިވަނީ ޗައިނާއިންނެވެ.

ޗައިނާއިން ވަނީ އ.ދ އިން ގަތުލު އާންމުތަކާއި ނަސްލު ނައްތާލުން ހުއްޓުވުމަށް ބާރު އަޅައި ނެގި ވޯޓުގައި ބައިވެރިވެ، އެކަމާއި ދެކޮޅަށްވެސް ވޯޓު ދީފައެވެ. މި ވޯޓުގައި ރާއްޖެ އިން ބައިވެރިވެފައިނުވާއިރު ރާއްޖެ ސަރުކާރުން ބުނެފައިވަނީ ވޯޓުގައި ބައިވެރިނުވުމަށް ގަސްދުކުރީ އެހެން ގައުމުތަކުގެ ދާޚިލީ ކަންތަކަށް ވަންނަން ބޭނުން ނުވާތީ ކަމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް ވަނީ ގާއިމުކުރެވިފައެވެ. މޯލްޑިވްސް ޗައިނާ ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ނިމި ބްރިޖު ހުޅުވުމަށް މިހާރު ދަނީ ކައިރިވަމުންނެވެ.