Last Updated: June 22, 13:14
Monday, June 22, 2026
ޚަބަރު

ދިއްދޫ ކައުންސިލްގެ ރައީސް ސަސްޕެންޑްކޮށްފި

ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ކައުންސިލަރު ކަމުން ސަސްޕެންޑްކޮށްފިއެވެ.

ހާޝިމް ސަސްޕެންޑް ކުރިކަން އަންގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީން އެރަށުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އިއްލާން ކޮށްފައި ވަނިކޮށް އެ ލިސްޓާއި ހިލާފަށް އިތުރު ލިސްޓެއް އާއްމު ކުރާނެކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ އެމައްސަލަ ބަލައި ނިމެންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނީ ރައްޔިތުންނަށް ނަމުނާ ދައްކަންޖެހޭ މަގާމެއްގައި ހުރެ އަލީ ހާޝިމް އަމަލުކޮށްފައިވަނީ މުވައްސަސާތަކުގެ އަގުވެއްޓޭ ފަދަ ގޮތަށް ކަމަށެވެ.

އެހެންވެ މައްސަލަ ބަލައި ނިމެންދެން މުސާރައާއި އެލެވެންސް ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ހާޝިމް ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެލްޖީއޭއަކަށް ހާޝިމް ސަސްޕެންޑް ކުރުމުގެ ގާނޫނީ ބާރު ލިބިފައި ނުވާކަމަށެވެ. އަދި ފްލެޓްގެ ވައްކަން ހުއްޓުވުމަށް ދިއްދޫ ކައުންސިލުން ކުރައްވާ މަސައްކަތަށް ނަޝީދު ވަނީ ސާބަސް ދެއްވާފައެވެ.