ރޭ އިރާކޮޅު ހުޅުމާލޭގައި ދެ ޒުވާނަކު ކުއްލިގޮތަކަށް މަރުވުމާއި ގުޅިގެން އެމައްސަލާގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.
ފުޓްބޯޅަ ކުޅެން ހުއްޓާ މެޔަށް ތަދެއް އަރައިގެން މަރުވި ޒުވާން ފިރިހެނަކާއި ގެނބިގެން ޒުވާން އަންހެން ކުއްޖަކު މަރުވި ކަމަށް ރޭ ހަބަރު ފެތުރުނު ނަމަވެސް އެދެމަރަކީ "ޕާޓީ ޑްރަގްސް" އާއި ގުޅުން ހުރި ދެ މަރުކަމަށްވުމާ ގުޅިގެން އެމައްސަލަ ފުލުހުން މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.
ތ. ތިމަރަފުއްޓަށް ނިސްބަތްވާ އަހްމަދު ހާމީން އާއި ދަފްތަރު ފާޠިމަތު ސަމާގެ ތެރެއިން ފުރަތަމަ މަރުވެފައިވަނީ ހާމީންއެވެ. ބޭންކް އޮފް މޯލްޑިވްސް ހުޅުމާލެ ބްރާންޗުގައި މަސައްކަތް ކުރާ ހާމީން އާއި އިތުރު ބަޔަކު ތައްޔާރުވަމުން ދިޔައީ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ޕާޓީ ކުރުމަށެވެ. އެގޮތުން ބާރުގަދަ ޑްރަގެއް ކަމަށްވާ އެލްއެސްޑީ މިހާރުވަނީ އެސަރަހައްދުން ހޯދާފައެވެ.
ސަމާ އާއި ހާމީންގެ ހެޔަށް ގޮތެއް ވާތީ އެ ދެމީހުންގެ އެކުވެރިން ފުރަތަމަ މަސައްކަތް ކުރީ ގެސްޓް ހައުސްގެ ތެރެއަށް ވައްދައިގެން ފަރުވާ ދެވޭތޯއެވެ. ހާމީން އާއި ސަމާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުންވެސް އެދެމީހުންނާއި އެކު އުޅުނު އެހެން ޒުވާނަކު ވަނީ އިމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
ކުއްި މި ދެމަރާއި ގުޅިގެން ތަހްގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް އަދިވެސް މި ހަށިގަނޑު ބާއްވާފައިވަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.
ރާއްޖޭގައި ބާރުގަދަ މަސްތުވާ ތަކެތި ދޭތެރެ ދޭތެރެއިން ގެނެސް ބޭނުން ކުރަމުން އަންނަ އިރު "އޯވާޑޯޒް" ވެގެން މަރުވާ ޒުވާނުން ދަނީ އިތުރުވަމުންނެވެ. ނަމަވެސް މިފަދަ މައުލޫމާތެއް ކަމާއި ބެހޭ ފަރާތްތަކުން އާއްމެއް ނުކުރެއެވެ.