ގާނޫނާއި ޚިލާފަށް ސުޕްރީމް ކޯޓު ކައިރިއަށް އެއްވެ ފަނޑިޔާރުންގެ މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި 54 ވަކީލުން ސަސްޕެންޑު ކުރުމުން ގެއްލިގެން ދަނީ ހަމައެކަނި އެ ވަކީލުންގެ ހައްގުތައް ނޫން ކަމަށާއި އެތައް ބަޔެއްގެ ހައްގުތައް ދަނީ ގެއްލެމުން ކަމަށް ސަސްޕެންޑުކުރި ވަކީލުން ބުނެފިއެވެ.
ވަކީލުން ނެރުނު ނޫސްބަޔާނެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވަކީލުންގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބޭރު ކޮށްލުމުންނެވެ. ޑީޖޭއީއިން ވަކީލުން ސަސްޕެންޑު ކޮށްފައިވަނީ ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ "ކުރިޔަނުދިނުމުގެ ޖަޒާގެ މަބްދަޢު"ގެ ދަށުން ސިވިލް ކޯޓުގެ އިސް ގާޒީ ނެރުއްވާފައިވާ ޤަރާރަކާއި ގުޅިގެން ކަމަށް ކޯޓުން ބުނެފައިވެއެވެ.
ނަމަވެސް އެއީ ގާނޫނީ ވަކީލުން ދަންނަ އެއްޗެއްވެސް ނޫން ކަމަށް ވަކީލުން ނެރުނު ބަޔާނުގައި ބުނެ، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލުމުން ގެއްލެނީ އެތައް މުވައްކިލުންގެ ހައްގުތައް ކަމަށާއި މިހާރުވެސް ބަލަމުންދާ މައްސަލަތައް ވަކީލުން ނެތުމުން މަޑުޖެއްސުމުން ގެއްލުންވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން 54 ވަކީލަކު އެއްފަހަރާ ސަސްޕެންޑުކޮށްފައިވާއިރު މިހާތަނަށް 13 ވަކީލެއްގެ ސަސްޕެންޝަން އުވާލައި ވަކާލާތު ކުރުމުގެ ހައްގު އަނބުރާ ރުޖޫއަ ކޮށްފައިވެއެވެ.