އިންޑިއާގެ މުމްބާއީގެ ރެއިލްވޭ ސްޓޭޝަނެއްގައި ގިނަ އަދަދެއްގެ މީހުން ފިތިބާރުވުމުގެ ސަބަބުން 22 މީހުން މަރުވެ އިތުރު 30އަށްވުރެ ގިނަ މީހުންނަށް ޒަޚަމް ވެއްޖެ އެވެ.
އިންޑިއާގެ އޮފިޝަލުން ރިޕޯޓް ކުރާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ހެނދުނު މީހުން އެންމެ ގިނަވާ ވަގުތުގައި މުމްބާއީގެ އެލްފިންސްޓޯން ސްޓޭޝަންގަ އެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، ވާރޭ ވެހުމުގެ ސަބަބުން ހިޔާ ހޯދުމަށްޓަކައި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ރިޕޯޓްތައް ބުނާގޮތުން މީހުން ފިތިބާރުވުމުގެ ސަބަބުން ހިނގި މި ހާދިސާގައި އަނިޔާ ލިބުނު ފަރާތްތަކަށޤ މިހާރު ދަނީ ކައިރި ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 14 ފިރިހެނުންނާއި 08 އަންހެނުން ކަމަށް އިންޑިއަން ރެއިލްވޭސްގެ ތަރުޖަމާނު ރަވިންދްރަ ބަރްކާރް ވިދާޅުވި ކަމަށް އޭއެފްޕީ އިން ރިޕޯޓް ކުރެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.