1. ކޮންމެ ދުވަހަކު ސާފުކުރަން ޖެހޭ އެއްޗެހި

ތަށިތަކާއި އުނދުން އަދި ސިންކުތަކާއި، އެނދުތަކުގެ އިތުރުން ކޮޓަރިތަކަކީ ކޮންމެ ދުވަހަކު ސާފުކުރަން ޖެހޭ އެއްޗެހި އެވެ. ތަށިތައް މާގިނައިރު ނުދޮވެ ހުރެފިނަމަ، އޭގައި ބެކްޓީރިއާ އާލާވާނެ އެވެ. އަދި އެނދާއި ކޮޓަރިވެސް ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު ސާފުނުކޮށްފިނަމަ ހިރަފުސް ވާނެއެވެ.
2. ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ސާފުކުރަން ޖެހޭ އެއްޗެހި

ކޮންމެ ދުވަހަކު ގޭތެރޭގައި މޮޕްލުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫނެވެ. އޭގެ ސަބަބުން ބޭކާރު ގޮތުގައި ފެން ޚަރަދުނުކޮށް ފެން ރައްކާ ކުރެވެއެވެ. އެހެންނަމަވެސް ހަފްތާއަކު މަދުވެގެން އެއް ފަހަރު ނުވަތަ ދެ ފަހަރު ބިމުގައި މޮޕްލާން ވާނެއެވެ. ނަމަވެސް ދިރިއުޅޭ ސަރަޙައްދަކީ މާބޮޑަށް ހިރަފުސް ސަރަޙައްދެއް ނަމަ އެއަށްވުރެ ގިނައިން މޮޕްލުމަކީ އެދެވިގެންވާ ކަމެކެވެ. އެއާއިއެކުވެސް ހަފްތާއަކު ހަތަރު ފަހަރަށްވުރެ ގިނައިން މޮޕްނުލާށެވެ. މީގެ އިތުރުން ހަފްތާއަކު އެއް ފަހަރު ކޮޓަރިތެރެ ރަނގަޅަށް ވެކިއުމް ކޮށްލުމަކީ ވެސް ބުއްދިވެރި ކަމެކެވެ.
3. ކޮންމެ މަހަކު އެއް ފަހަރު ސާފުކުރަން ޖެހޭ އެއްޗެހި

މި ބައިގައި ހިމެނެނީ ދޮރުފޮއްޗާއި ފަންކާތަކާއި ފަރުނީޗަރުގެ އިތުރުން ފާރުގައި ހުންނަ މަކުނުވާ އެވެ. ގޭގައި ސިޑި ހުންނަނަމަ ސިޑިތަކާއި ފާރުގެ ކަންކަން ވެސް ސާފުކުރަން ވާނެއެވެ.
4. ކޮންމެ 3-4 މަހުން ސާފުކުރަން ޖެހޭ އެއްޗެހި

ކޮންމެ ތިން މަހުން ނުވަތަ ހަތަރު މަހުން އެއް ފަހަރު ސާފުކުރަން ޖެހޭ އެއްޗެހީގެ ތެރޭގައި އޭސީ އާއި އަވަން އަދި މައިކްރޯވޭވްގެ އިތުރުން ފްރިޖް ހިމެނެއެވެ.
5. ހަ މަހުން އެއް ފަހަރު ސާފުކުރަން ޖެހޭ އެއްޗެހި

ކޮންމެ ހަ މަހުން އެއް ފަހަރު ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ފޮހެ، ސްޓޯ ރޯމް ސާފުކޮށް، ގޮދަޑިތަކާއި ބާލީސްތައް ވެސް ސާފުކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ވަކަރު ފަރުނީޗަރުތައް ޕޮލިޝްކޮށް، ބަރު ފަރުނީޗަރު ދުރުކޮށްފައި އޭގެ ދަށުގައި ހުންނަ ހިރަފުސްތައް ސާފުކުރަން ވާނެއެވެ.
6. އަހަރަކު އެއް ފަހަރު ސާފުކުރަން ޖެހޭ އެއްޗެހި

ކޮންމެ އަހަރަކުވެސް މަދުވެގެން އެއް ފަހަރު ގޭގެ ހުރިހާ ފާރެއް ރަނގަޅަށް ސާފުކުރަން ވާނެއެވެ. މީގެ އިތުރުން ޗާންދަލިއާ އާއި ކާޕެޓްތައް ވެސް ވެކިއުމްކޮށް ރީތިކޮށް ސާފުކުރަން ޖެހޭނެއެވެ. ކޮންމެ ހަ މަހަކުން އެއް ފަހަރު ބަރު ފަރުނީޗަރުތައް ދުރު ނުކުރާނަމަ، މަދުވެގެން އަހަރަކު އެއް ފަހަރު އެކަން ކުރާށެވެ.