Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ރޭގެ މާރާމާރީއާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ހުންނަ ޖީ-ސިކްސް ކެފޭ ތެރޭގައި ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރާލި މައްސަލަ އާއި ގުޅިގެން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ އާއި ގުޅިގެން ރޭ ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނުގައި އެ ހާދިސާގައި އަމަލީ ގޮތުން ބައިވެރިވި 4 މީހަކު ހެކި ނައްތާލުމަށް މަސައްކަތް ކުރަމުން ދަނިކޮށް އަތުލައިގެންފައިވާ ކަމަށެވެ.

ރޭ ފުލުހުން ވަނީ މ. އެތުމާ ގޭގެ ދޮރުވައްޓާލައި އެގެއަށް ވަދެ ފާސް ކޮށްފައެވެ. ފުލުހުން ބުނީ އޭގެ އިތުރުންވެސް 8 މީހަކު މާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ 10:10 ހާއިރު ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި ހާދިސާ އާއި ގުޅިގެން ހެކި ހޯދުމާއި އެކަމުގައި ބައިވެރިވި ފަރާތްތައް ހޯދުމަށް ހުޅުމާލޭގައިވެސް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

ފުލުހުން ބުނީ ރޭގެ ދެ މާރާމާރީއަކީވެސް މީގެ ކުރިން މާލޭ، މ. އައިޓަމްސް ކައިރީ ޒުވާނަކު މަރާލި ހާދިސާގެ ބަދަލު ހިފުމަށް ހިންގި މާރާމާރީއެއް ކަމަށެވެ.