މިހާރު ފުލުހުންނަށް ދިމާވެފައިވާ ގާނޫނީ ހުރަސްތައް ނައްތާލައިގެން ވިޔަސް މާލޭގައި ހިނގަމުންދާ މާރާމާރީތައް ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރާ ހަވާލާދީ އޮންލައިން ނޫސް "ސަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ފުލުހުން އަންނަނީ މާރާމާރީތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތެއް ކުރަމުން ކަމަށެވެ. އަދި އެކަން ކުރުމަށް ހުރަސްތަކެއް ވާނަމަ އެހުރަސްތައް ނައްތާލައިގެންވެސް މާރާމާރީ ހުއްޓުވައި ޤައުމު އަމާން ކުރާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު އަޒްލީން ވަނީ ދެއްވާފައެވެ.
މާރާމާރީތައް އިންތިހާއަށް ގިނަވެ، އެތައް ބަޔަކު މަރަމުންދާއިރު މިދަނޑިވަޅުގައި ސިފައިންގެ އެހީތެރިކަމާއެކު ގައުމު އަމާން ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވެފައިވެއެވެ.
ރޭވެސް ހުޅުމާލޭގައި ޒުވާނަކަށް ހަމަލާދީ މަރާލާފައިވާއިރު މާލޭގައިވެސް ނުރައްކާތެރި މާރާމާރީއެއްގައި އިތުރު ޒުވާނެއްގެ ގަޔަށް ވަނީ ވަޅި ހަރައި ޒަޚަމް ކޮށްލާފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަރާލި ޒުވާނާގެ ގައިގެ 8 ތަނަކަށް ވަޅި ޖަހާފައިވާ ކަމަށެވެ.
މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން 12 މީހަކު ހައްޔަރުކޮށްފައިވާއިރު ހަމަލާދޭން ބޭނުންކުރި ހަތިޔާރުތައް ނައްތާލުމަށް މަސައްކަތް ކުރަނިކޮށް 4 މީހަކު ފުލުހުން ވަނީ ހަތިޔާރުތަކާއެކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި އެ ހަތަރު މީހުންނަކީ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށެވެ.