Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

30 ފުލުހަކު ތަމްރީނަކަށް ލަންކާ އަށް

ސްރީލަންކަން ޕޮލިސް ސަވިސްގެ އެސްޓީއެފް ޕޮލިސް އެކަޑެމީގައި ހިންގާ ވީއައިޕީ ސެކިއުރިޓީ ޓްރޭނިން ކޯހުގައި ބައިވެރިވުމަށް މޯލްޑިވްސް ޕޮލިސް ސަވިސްގެ 30 ފުލުހުންގެ މައްޗަށް ހިމެނޭ ޓީމެއް ސްރީލަންކާ އަށް ފުރައިފި އެވެ.

މި މަހުގެ 11 އިން ހަ ހަފްތާ އަށް ލަންކާގައި ކުރިއަށް ގެންދާ ކޯހުގައި ބައިވެރިވާ ފުލުހުންގެ ޓީމުގައި ދެ އަންހެން ފުލުހުން ވެސް ހިމެނެ އެވެ.
މި ޓްރޭނިންގައި ބައިވެރިވާ ފުލުހުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ އެހެނިހެން ބައެއް ޑިޕާޓްމަންޓްތަކުގެ ފުލުހުންނެވެ.

މި ކޯހަކީ ފުލުހުން ސެކިއުރިޓީ ފޯރުކޮށްދޭ ވީއައިޕީ ފަރާތްތަކަށް ސެކިއުރިޓީ ފޯރުކޮށް ދިނުމަށް ބޭނުންވާ ޢިލްމާއި ހުނަރުތަކާއި އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާ އެއްގޮތަށް ވީއައިޕީ ސެކިއުރިޓީ ފޯރުކޮށް ދިނުމުގެ އުޞޫލުތަކާ ހުނަރުތައް ދަސްކޮށް ދިނުމަށް ހިންގޭ ކޯހެކެވެ.

އެގޮތުން މި ކޯހުގެ ބައިވެރިންނަށް ވީއައިޕީ މޮޓޯ ކޭޑް ފޯމޭޝަންސްތަކާއި ވެހިކަލް ޑްރިލިން އާއި، ވެޕަން ޓްރޭނިން ހިންގޭނެ އެވެ. އަދި ޢަމަލީ ތަޖުރިބާ ފޯރުކޮށް ދިނުމަށް ހިނގާފާނެ ކަހަލަ ހާދިސާތަކަށް ބިނާކޮށްގެން ތަމްރީނުތައް ކުރިއަށް ގެންދިއުމާއި ކޭސް ސްޓަޑީތައް ވެސް ކޯހުގައި ހިމަނާފައި ވެ އެވެ.

ދިވެހި ފުލުހުންނަށް އެސްޓީއެފް އެކެޑެމީން ތަމްރީނު ފުރުޞަތުތަކެއް ލިބިފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އެ އެކަޑެމީ އަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ހުނަރު ފޯރުކޮށް ދިނުމުގައި އެހީތެރިވުމަށް ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު އެވެ.