ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ހިންދީ ފިލްމް ސީރީސް "ތަނޫ ވެޑްސް މަނޫ" ގެ ތިން ވަނަ ބައެއްގެ މަސައްކަތް ނުކުރާ ކަމަށް ޑައިރެކްޓަރު އާނަންދް އެލް ރާއި ބުނެފި އެވެ.
މިހާތަނަށް އެ ފިލްމްގެ ދެ ބައެއް ރިލީޒް ކޮށްފައިވާ އިރު، އެ ދެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.
އެ ފިލްމްގެ ލީޑް ރޯލްތައް ކުޅެފައި ވަނީ ހުނަރުވެރި އެކްޓްރެސް ކަންގަނާ ރަނައުތު އާއި އާރް. މާދަވަން އެވެ.
"ތަނޫ ވެޑްސް މަނޫ" ގެ ތިންވަނަ ބައިގެ މަސައްކަތް ފެށުމަށް ފަހު، ޑައިރެކްޓަރު އާނަންދް އާއި ކަންގަނާ އާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ފިލްމްގެ މަސައްކަތް ހުއްޓާލާފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.
އެހެން ނަމަވެސް ދާދި ފަހުން މިޑް-ޑޭ ނޫހަށް ދިން އިންޓަވިއުއެއްގައި އާނަންދް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެގޮތުން އާނަންދް ބުނީ 'ތަނޫ ވެޑްސް މަނޫ 3' ގެ މަސައްކަތް ނުފެށި ލަސްވަނީ އޭނާ އިތުރު އެހެން ފިލްމެއްގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށާއި، ކަންގަނާއާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އާނަންދް މިހާރު މަސައްކަތް ކުރަމުން އަންނަނީ ޝާހް ރުކް ޚާން ގެ ފިލްމް "ޑްވާފް" ގައެވެ. މީގެ އިތުރުން ދަނުޝް އާއިއެކު ވެސް ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް އާނަންދް ވަނީ ބުނެފައެވެ. އެހެންކަމުން "ތަނޫ ވެޑްސް މަނޫ 3" އަށް ދިގު އިންތިޒާރެއް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.