އައްޑޫ ސިޓީ މަރަދޫގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާވެއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ފާރެއްގައި ޖެހިގެންނެވެ.
އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ، އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް މަރަދޫއަށް އަރާ ދިމާލުގައި އޮންނަ ބެންޑުން އަޅާލި ވަގުތު ކޮންޓްރޯލު ނުކުރެވިގެން ކަމަށެވެ.
" ސައިކަލު ކޮންޓްރޯލް ނުކުރެވިގެން ގޮސް ޕޭވްމަންޓަށް އެރިގޮތަށް ގޮސް ޕާކުގެ ފާރުގައި ޖެހިފައި 2 މީހުން ވިއްސައިގެން ގޮސް 2 މީހުން ވެސް ޖެހުނީ ޕާކު ތެރޭގައި." އެކްސިޑެންޓް ހިނގި މަންޒަރު ދުށް ފަރާތުން ބުންޏެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވީ މަރަދޫ ސްލިޕްވޭއަށް އެހެލާފައި އޮތް ދޯންޏެއްގައި މަސައްކަތް ކުރާ ހުވަދޫ އަތޮޅަށް ނިސްބަތްވާ 2 މީހެކެވެ.
އެ 2 މީހުން ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ އިރު އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.