މ މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވި ސިޔާސީ ޕާޓީގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
ތަސްދީޤު ކުރެއްވުމާ ގުޅިގެން މި ދެ ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިޢު ވެސް ކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު 1 ޖެހި އިރު ބޭއްވެވި ރަސްމިއްޔާތުގައި މި ދެ ބިލު ތަސްދީޤު ކުރެއްވުމަށް ފަހު ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައް ވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މި ދެ ބިލު ތަޞްދީޤު ނުކުރައްވައި މަޖިލީހަށް އަލުން އަނބުރާ ފޮނުއްވި ސަބަބުތަކުގެ މައްޗަށް ވަރަށް ތަފުސީލުކޮށް ބައްލަވާލެއްވި އެވެ.
ރައީސް ވިދާޅުވީ މި ދެ ބިލުގައިވެސް ޤާނޫނު އަސާސީ އާއި ޤާނޫނުތައް ފުށުއަރާ ބައެއް ކަންކަން ހުރުމާއި އަދި ދައުލަތުގެ ބަންޑާރަ ނައިބު ވެސް މިކަންކަން ފާހަގަ ކުރައްވައި ބިލު އަނބުރާ ފޮނުއްވުމަށް ލަފާ ދެއްވާފައިވާތީ، މަޖިލީހަށް ބިލު އަލުން އަނބުރާ ފޮނުއްވީ ކަމަށެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ) އިން ޤާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމުކުރާ ކަމަށާއި، ޤާނޫނުގެ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރި ކުރުމަށް ހުރަސްއަޅާ ކަންތައްތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ތަފްޞީލު މަޖިލީހަށް ހުށަހެޅުއްވި ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާ ބިލުތައް ފާސްކުރައްވާ އިރު، އެ ބިލުތަކުގެ މާލީ ކަންކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނާވަޑައިނުގަންނަވާކަން ދޭހަވަމުންދާ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާ ކަންކަން ހިންގުމުގައި ދައުލަތް ވަނީ ނުކުޅެދިފައި ކަމަށް ވިދާޅުވި އެވެ.
އުފައްދަވާ އެކިއެކި މުއައްސަސާތަކާއި ނިންމަވާ ކަންކަމުގެ ޚަރަދުތައް ބަލަން އެބަޖެހޭ ކަމަށާއި، ވަޒީރުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާ އިރު ވެސް މާލީ ގޮތުން ކުރިމަތިވާ ދަތިތައް ފާހަގަ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ބޮޑެތި ބިލުތައް ހުށަހެޅިގެންދާ އިރު، އަދި ބޮޑެތި އިޞްލާޙުތައް އަންނަމުންދާ އިރު ދައުލަތުގެ ޚަރަދުތަކަށް ވާނެ ގޮތާ ދޭތެރޭގައި ވެސް ރައްޔިތުންގެ މަޖިލީހުން ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ މާލީ ޙާލަތު މިހާ ދެރަކޮށް އޮތް ދުވަސްވަރެއްގައި އެކަންކަމަށް އެއްގޮތަކަށް ވެސް ނުބައްލަވައި ބޮޑެތި ޢިނާޔަތްތައް ކަނޑައެޅުއްވުމަކީ ދައުލަތަށް ހިފެހެއްޓެވޭނެ ވަރުގެ ކަންކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ނޫސްބަޔާނެއްވެސް ނެރުއްވާފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނަކީ ދިވެހި ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިޚާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާ އިން މުޢާމަލާތު ކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ޕާޓީތަކުން ތަބާވާން ޖެހޭ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަކީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ތެރެއިން ބައެއް އިމްތިޔާޒުތަކާއި ބާރުތައް ބަޔާން ކުރުމުގެ ޤާނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކާއި ޙައްޤުތަކުގެ މާނައިގައި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތަކާއި، އެމަޖިލީހުގެ ކޮމިޓީތަކަށާއި، އެމަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ހިމެނިގެން ވެ އެވެ. އަދި އެ މަޖިލީހުން ކުރަމުންދާ އިދާރީ މަސައްކަތްތަކާއި، ޤާނޫނީ މަސައްކަތްތަކާ، އެ މަސައްކަތްތަކުގެ އެކިއެކި މަރުޙަލާތައް، ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމުގެ ބާރާއި، އެމަސައްކަތްތައް އެކިއެކި މަރުޙަލާތަކުގައި ތަރުޖަމާ ކުރުމާއި، ހިންގުމާއި، ކޮންޓްރޯލް ކުރުމާއި، ރައްކާތެރިކުރުމުގެ ފުރިހަމަ ބާރުވެސް ހިމެނިގެން ވެ އެވެ.