ހުޅުމާލޭގައި ރޭ މަރާލި ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް އަބްދުލް އަފޫރުގެ ގާތިލުން ހޯދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ހާރިސް މަރާލި މީހުންނާއި ތޫނު އެއްޗެހި ބޭނުން ކޮށްގެން މާރާމާރީ ހިންގާ މީހުން ހޯދުމުގެ މަސައްކަތް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ކުރިއަށް ގެންދާކަމަށެވެ. އެގޮތުން ގޭންގު މާރާމާރީ ހުއްޓުވުމަށް މާލެތެރެ ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ހާރިސް މަރާލިތާ ކުޑައިރު ކޮޅެއް ފަހުން ރައްޔިތުންގެ މަޖިލީސް އިދާރާ ކައިރީ ހުންނަ ޖީ-ސިކްސް ކެފޭ ތެރެއިން ޒުވާނަކަށް ވަޅިން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އެހާދިސާ އާއި ގުޅިގެން ރޭ ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ.
މާލޭގައި ގޭންގު މާރާމާރީ އިތުރުވެ އެތައް ބަޔަކު ކަތިލައި މަރަމުން އަންނަ އިރު ފުލުހުން ފަށާ މިފަދަ އޮޕަރޭޝަން ދުވަސްކޮޅަކުން ހުއްޓިގެންދެއެވެ. އަދި އަނެއްކާވެސް އޮޕަރެޝަން ފެށެނީ އިތުރު މީހެއްގެ ފުރާނަ ގެއްލުމުންކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.