Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

"މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްވަނީ ޓެކްނިކަލް މަސައްކަތާ ހެދި"

* މަރުގެ ހުކުމް ތަންފީޒު ކުރުން ލަސްވަނީ ޓެކްނިކަލް މަސައްކަތް ނުނިމޭތީ
* ޓެކްނިކަލް މަސައްކަތް މިމަހު8ގެ ކުރިން ނިމޭނެ
* މަރުގެ ހުކުމް ތަންފީޒު ކުރާނީ ގަސްތުގައި މީހަކު މަރާލިކަން ސާބިތުވާ މީހުންނަށް އެކަނި

ހޯމް މިނިސްޓަރ އަޒްލީން، ފޮޓޯ: އަވަސް

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ތަނުގެ ޓެކްނިކަލް މަސައްކަތް މިމަހު 8 ވަނަ ދުވަހަށް ނިމޭނެކަމަށް ހޯމް މިނިސްޓަރ އަހްމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

އަޒްލީން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހު ފަހުކޮޅަށް މަރުގެ ހުކުމް ތަންފީޒު ކުރާތަން ނިންމޭތޯ މަސައްކަތް ކުރި ނަމަވެސް ޓެކްނިކަލް މަސައްކަތް ލަސްވުމާއި ގުޅިގެން ތަން ނިންމާ ނުލެވުނު ކަމަށެވެ.

އަޒްލީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ގާތް ގަޑަކަށް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައިވަނީ ގަސްދުގައި މީހަކު މަރާލިކަމަށް ސާބިތުވާ މީހުން އެކަނިއެވެ. އެފަދަ މީހަކު މަރާލާނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާ ނިމި، ސްޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އެގޮތުން މިހާރުވެސް ތިން މީހަކު މެރުމަށް ސްޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފައެވެ.

ރާއްޖޭގައި ގަސްދުގައި މީހުން މެރުން އާއްމުވެފައިވާ އިރު ބޮޑެތި ކުށްވެރިން ގާނޫނީ އިމުގެ ތެރެއިން ދަނީ ހިމާޔަތް ހޯދަމުންނެވެ.