Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ޔުނައިޓެޑް ހިފެހެއްޓުމެއް ނެތް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު އަނެއްކާވެސް ހަތަރު ލަނޑު ޖަހައިފިއެވެ. ރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑު ކާމިޔާބުކޮށްފައިވަނީ 0-4 އިންނެވެ. މިއީ މިސީޒަނުގައި ޔުނައިޓެޑު ލީގުގައި 0-4 އިން މޮޅުވި ހަތަރުވަނަ މެޗެވެ.

ކުރީ ސީޒަނުގައި 1-1 އިން އެއްވަރުވެގެން ނިމުނު މެޗު އިންތިހާއަށް ގިނަވެފައިވާއިރު މިސީޒަނުގައި ޔުނައިޓެޑަށް ގިނަ ވެފައިވަނީ 4 ލަނޑު ޖަހައިގެން ނިމޭ މެޗެވެ. ޔުނައިޓެޑުން މިސީޒަނުގައި ހުރިހާ މުބާރާތްތައް އެއްކޮށްލައިފިނަމަ 10 މެޗު ކުޅެފިއެވެ. އޭގެ ތެރެއިން 6 މެޗުގައި އިދިކޮޅު ޓީމުކޮޅަށް 4 ލަނޑު ޖަހާފައިވެއެވެ.

ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލެސް ޔުނައިޓެޑާއި ދެކޮޅަށް ނިކުތީ ފުރަތަމަ ހަ މެޗުން ބަލިވެ ލަނޑެއް ނުޖެހިއެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ޔުނައިޓެޑަށް މިމެޗު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ ކަމަށެވެ.

މެޗު ފެށިގެން ތިން މިނެޓުވެސް ނުވަނީސް ރަޝްފޯޑްގެ އެސިސްޓަކުން މަޓާ ވަނީ އޭނާގެ 200 ވަނަ ޕްރިމިއާ ލީގު މެޗުގައި ލަނޑު ޖަހައި ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. ޔުނައިޓެޑުގެ ދެވަނަ ގޯލު ޖަހާފައިވަނީ އޭޝްލީ ޔަންގް ހުރަސްކޮށްދިން ބޯޅައަކުން ފެލައިނީއެވެ. ތިންވަނަ ލަނޑުވެސް ޖަހާފައިވަނީ ފެލައިނީއެވެ. މިފަހަރު އޭނައަށް ބޯޅަ ދީފައިވަނީ ހިލޭ ޖެހުމަކުން ރަޝްފޮޑެވެ.

ޔުނައިޓެޑުގެ ފަހު ލަނޑު ޖަހާފައިިވަނީ ޒުވާން ކުޅުންތެރިޔާ އެންތޮނީ މާޝިއަލް ކުޅެން ނެރުނު ފަހުންނެވެ. މާޝިއަލް ގޯލު ކުރިމަތިން ލުކާކޫއަށް ދިން ބޯޅައެއް ފަސޭހަކަމާއެކު އޭނާ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ޔުނައިޓެޑަށް ލީގުގައި ކުޅުނު 7 މެޗުން 21 ލަނޑު ޖަހާފައިވާއިރު ކޮޅަށް ވަދެފައިވަނީ ސްޓޯކް ސިޓީ އިން ޖެހި ދެ ލަނޑު އެކަންޏެވެ. 7 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ 19 ޕޮއިންޓު ލިބިފައިވާއިރު މިއީ ޔުނައިޓެޑަށް 1999 ވަނަ އަހަރަށްފަހު ލީގުގައި އެންމެ ރަނގަޅު ފެށުމެއް ގެނައި ސީޒަނެވެ.