Last Updated: June 19, 16:18
Friday, June 19, 2026
ކުޅިވަރު

މޮރާޓާއަށް އަނިޔާވެ ޗެލްސީ، ސިޓީ އަތްދަށުވެއްޖެ

ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާ މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 1-0 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ފޯވާޑް އަލަވާރޯ މޮރާޓާއަށް އަނިޔާވެ އޭނާ ވަނީ ބަދަލުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ކޮންޓޭއަށް އޭނާގެ ގޭމް ޕްލޭން ބަދަލުކުރަން މަޖުބޫރުވިއެވެ.

ދެ ޓީމުވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް ހާފު ނިމިގެން ދިޔައީ ލަނޑެއް ނުފެނިއެވެ. ނަމަވެސް ސިޓީ ވަނީ ޗެލްސީ ގޯލަށް ނުރައްކާކޮށްފައެވެ.

ދެވަނަ ހާފުގައި ކޮންޓޭގެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ޑިފެންސިވް ގޭމެކެވެ. ކުޅުންތެރިން ފަހަތަށް ފައިބައި މުޅިންވެސް ކައުންޓާ އެޓޭކަށް ގޭމު ބަދަލުކޮށްފައިވަނިކޮށް 67 ވަނަ މިނެޓުގައި ކެވިން ޑިބްރުއޭނާ ވަނީ ސިޓީއަށް ލީޑު ނަގާދީފައެވެ.

ދެޓީމަށް ވެސް މެޗުގެ ބާކީ ވަގުތުކޮޅުގައި އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ. ޑިބްރުއޭނާގެ ހަމައެކަނި ލަނޑުން ސިޓީ މޮޅުވެ ތާވަލުގެ އެއްވަނައަށް އަރާފައިވާއިރު ޗެލްސީއަށް ވަނީ ހާސްކަން ކުރިމަތިވެފައެވެ.

މެޗަށް ފަހަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފައިވަނީ އޭނާގެ ޓީމު ދެއްކި ހިތްވަރާ މެދު ފަޚުރުވެރިވާ ކަމަށެވެ. ޗެލްސީ މެޗުން ބަލިވެ މިހާރު ވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. އިއްޔެ ހަޑަސްފީލްޑް ބަލިކޮށް ޓޮޓެންހަމް ވަނީ ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީގެ ކުރިއަށް ޖެހިލާފައެވެ.

މެންޗެސްޓާ ދެ ޓީމު ލީގު ތާވަލުގެ އެއްވަނައަށް ވާދަކުރަމުން އަންނަ އިރު ދެ ޓީމުވެސް ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަވެފައެވެ. ނަމަވެސް ސިޓީ އޮތީ ޔުނައިޓެޑަށްވުރެ އެއް ގޯލު ކުރީގައެވެ. މިއަދު ލިވަޕޫލާ ނިއުކާސަލް ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ ލިވަޕޫލް ޗެލްސީގެ ކުރިއަށް އަރާނެއެވެ. އަދި އާސެނަލް ބްރައިޓަން ބަލިކޮށްފިނަމަ ޗެލްސީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެއެވެ.