Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް

ޗަމްޕާ އަފީފްގެ ހިއްސާ އޮވެމެ ގަން އެއާޕޯޓް ތަރައްޤީ ނުކުރެވި!

ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ބައިނަލް އަގްވާމީ ދަތުރުތަކުގެ މަންޒިލަކަށް ވުމާކީ އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ހުވަފެނެއެވެ. އެހުވަފެން ހަގީގަތަކަށްވޭތޯ އައްޑޫ ރައްޔިތުން ތިބީ އެދިއެދިއެވެ. ކޮންމެ ސަރުކާރަކުން އައްޑޫ ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމަކީ ގަން އެއާޕޯޓް ތަރައްޤީކޮށް ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލަ ދިނުމެވެ.

އައްޑޫ ރައްޔިތުންގެ މި އުއްމީދުތަކަށް އުފާވެރިކަމެއް ގެނެސްދިނީ އެއާޕޯޓް ތަރައްޤީ ކުރުމަށް އުފެއްދި ކުންފުނީގެ 30 އިން ސައްތަ ހިއްސާ ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންއިން ނެގުމުންނެވެ. އެއާއި އެކު ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.

ޗަމްޕާ ހުސެއިން އަފީފަކީ ގާބިލް ކުޅަދާނަ ދުރު ވިސްނާ ބޭފުޅެކެވެ. ބޮޑެތި ބިޔަ މަޝްރޫުތައް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބް ހޯއްދަވާފައިވާ ވިޔަަފާރިވެރިއެކެވެ. ހާއްސަކޮށް އައްޑޫގައި ފަތުރުވެރިކަން ގާއިމް ކުރުމަށް ހެދި ހެރެތެރެ ރިސޯޓް ވުޖޫދަށް ގެނައުމުގައި އެންމެ ބޮޑަށް ބައިވެރިވި އެއް ފަރާތަކީ އަފީފްއެވެ. އެހެންވެ އަފީފްއަށް އައްޑޫ ވާނީ ވަރަށް ބޮޑަށް ދަސްވެފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރުމަށް އެކި މަރުހަލާތަކަށް ބަހާލައި ރަންވޭ ދިގު ކުރުމުގެ މަސައްކަތް ނިންމިތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެެއްޖެއެވެ. ރަންވޭ ދިގުކުރުމުގެ މަޝްރޫއަށް ފައިސާ ހޯދައި އެކަން ހަގީގަތަކަށް ހެއްދެވުމުގައިވެސް ކާސާ ހޯލްޑިންއިން ވަނީ ބޮޑު ހޭދަތަކެއް ކޮށްފައެވެ.

އެއާޕޯޓް ހުވަފެނުގައި މިއަދު ފަނޑު ކުލަޖެހުމެއް ހުރި ނަމަވެސް އަދިވެސް އެއާޕޯޓް ރަނގަޅަށް މިވަނީ އޮޕަރޭޝަނަށް ނުގެނެވިއެވެ. ހާއްސަކޮށް އެއަާޕޯޓަށް ބޭނުންވާ ގިނަ ވަސީލަތްތައް އަދިވެސް ވަނީ ގާއިމް ނުކުރެވިއެވެ.

ގަން އެއާޕޯޓް މިއަދު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި ހިންގަން ތިއްބެވި ވެރިންނަކީ ޗަމްޕާގެ ރުހުމާއި އެކު ތިއްބެވި ވެރިންނެވެ. އެހެންވެ އެއާޕޯޓްގެ ކަންކަން ހަރުދަނާ ނުކުރެވޭ ނުކުރެވުމަކީ ބޮޑު މައްސަލައެކެވެ. މިކަމުން ފެނިގެން ދަނީ އެއާޕޯޓް ހަރުދަނާ ކުރުމަށް އޮތް ޝައުގުވެރިކަމެވެ.

ގަން އެއާޕޯޓްގެ ތަރައްޤީ އާއި ގުޅިގެން ރާއްޖޭގެ ނޫހަކަށް އޭރު ޗަމްޕާ އަޕީފް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގަން އެއާޕޯޓް ތަރައްޤީވުމަކީ މުޅި ރާއްޖޭގެ ތަރައްޤީ ކަމަށާއި، އެއީ ދެކުނު ތަރައްޤީގެ މައި ދޮރާށި ކަމަށެވެ. އަދި އެކަން ކާމިޔާބްވާތަން ދުށުމަކީ އެމަނިކުފާންގެ އެންމެ ބޮޑު އެއް ހުވަފެންކަމަށެވެ.

އަފީފް މިފަދަ ޖޯޝުން ފުރިފައިވާ ބަސްފުޅުތަކެއް ވިދާޅުވެފައިވާ އިރު މިހާރު މިއޮތް މިންވަރަށް އެއާޕޯޓް ހިނގަނީވެސް އަފީފްގެ ގުރުބާނީ އާއި އެކުކަން ފާހަގަކުރެވެއެވެ. ގަމަށް ސްރީލަންކަން ޖައްސަން ހުއްދައަށް އެދުމުން އިމިގްރޭޝަންގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމް ބަހައްޓަން ބަހަނާ ދައްކަން ފެށުމުން އެކަމަށް ޗަމްޕާގެ ހިއްސާ ލިބުނެއެވެ، އެހެންވެ މިއަދު މިދަތުރުތައް ކުރެވޭތީ ޗަމްޕާއަށް ޝުކުރު ހައްގެވެ.

ގަމުގެ އެއާޕޯޓް ތަރައްޤީ މަޑުޖެހި، އެކަށީގެންވާ ސްޕީޑެއްގައި ތަރައްޤީ ނުފެނުމަކީ ވަރަށް ބޮޑު ދެރައެކެވެ. އައްޑޫ ރައްޔިތުންގެ އެދުމަކީ ޗަމްޕާ ހިއްސާވާ މި އެއާޕޯޓަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓަށް ވުމެއެވެ. ސަބަބަކީ ޗަމްޕާ ހިއްސާވާ ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާއިންވެސް ހޮވާލެވޭނެ ފެންވަރުގެ ހޮސްޕިޓަލަކަށް ވުމެއެވެ. އަދި ޗަމްޕާ ހިއްސާވާ މޯލްޑިވްސް ކޮމާޝަން ބޭންކް އާއި ޗަމްޕާ ހިއްސާވާ ސޮލަރެލް އިންޝޫރެންސްގެ އިތުރުން ރިސޯޓްތަކާއި އިންވެސްޓްމަންޓްތަަކަކީ އެކަންކަމުގެ ފުރިހަމަކަމުގެ ވާހަކަ އެތައް ބަޔަކު ދައްކާ ކަންކަމަށްވާތީއެވެ.