Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

ގަން އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިން އޭއައިއޭ އަށް

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ގްރައުންޑް ހޭންޑްލިސް ހިދްމަތް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި (އޭއައިއޭ) އިން އަމިއްލައަށް ދޭން ފަށައިފި އެވެ.

މީގެ ކުރިން މޯލްޑިވިއަންއިން ދެމުން އައި މި ހިދްމަތް އޭއައިއޭއަށް ބަދަލުކުރީ ރޭ ދަންވަރު 12 އިން ފެށިގެންނެވެ.

އޭއައިއޭގެ ޖެނެރަލް މެނޭޖަރ އިބްތިސާމާ ސައީދު ވިދާޅުވީ ގްރައުންޑް ހޭންޑްލިންގެ ހިދްމަތް މޯލްޑިވިއަން އަތުން ނެގީ އެ ހިދްމަތުން އޭއައިއޭއަށް އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އޭއައިއޭއިން މިއަދު އެ ހިދްމަތް ދޭން ފަށާފައިވަނީ މޯލްޑިވިއަންގެ ގްރައުންޑް ހޭންޑްލިންގައި މަސައްކަތް ކުރި 4 ސްޓާފަކު އޭއައިއޭއަށް ބަދަލު ކުރުމަށްފަހު އެމުވައްޒަފުންނާއި އެކުއެވެ. އަދި ހިދްމަތް ފެށުމަށް ބަހައްޓަން ޖެހޭ މެޝިނަރިސްތައްވެސް އޭއައިއޭއިން ވަނީ ގާއިމްކޮށްފައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިވަގުތު އޮޕަރޭޓް ކުރަނީ މޯލްޑިވިއަންގެ އިތުރުން ސްރީލަންކަން އެއާލައިންސެވެ. މީގެ ކުރިން ސްރީލަންކަންއަށް ގްރައުންޑް ހޭންޑްލިން ހިދްމަތް ފޯރުކޮށްދިނީ މޯލްޑިވިއަންއިންނެވެ.

ގްރައުންޑް ހޭންޑްލިން ހިދްމަތް އޭއައިއޭއިން ދޭން ފެށިއިރު ހިދްމަތުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ބޮޑު ކުރީ ކިހާ މިންވަރެއްކަން އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ދެނެހުރި މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދިން ގޮތުގައި އޭއައިއޭއިން ގްރައުންޑް ހޭންޑްލިންގެ ހިދްމަތް މިއަދު ފަށަން ނިންމިއިރުވެސް އެއާލައިން ތަކާއި އެކު ކުރަންޖެހޭ މުވާމަލާތައް މުޅިން ނުނިމެއެވެ. އަދި އެކަމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަކަށް އޭއައިއޭއިން މަޝްވަރާކޮށްފައި ނުވެއެވެ.

އޭއައިއޭއިން އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެއާޕޯޓަށް ބޭނުންވާ ގިނަ ވަސީލަތްތައް އަދިވެސް ގާއިމް ނުކުރެވެއެވެ.