Last Updated: June 29, 11:56
Monday, June 29, 2026
މުނިފޫހިފިލުވުން

ސެލީނާގެ އެއްމާބަނޑު އެއް ފިރިހެން ދަރި މަރުވެއްޖެ

ބޮލީވުޑްގެ ބަތަލާ ސެލީނާ ޖެއިޓްލީ އާއި އޭނާގެ ފިރިމީހާ ޕީޓަ ހާގް އަށް އަނެއްކާ ވެސް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައި ވަނިކޮށް އޭގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ އެވެ.

އެއީ އާތާ ޖެއިޓްލީ ހާގް އާއި ޝަމްޝޭރް ޖެއިޓްލީ ހާގް އެވެ. އެހެން ނަމަވެސް ވަރަށް ހިތާމައާ އެކު ސެލީނާ ވަނީ އެ ދެ ފިރިހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެކަން އާންމުކޮށްފަ އެވެ.

"އަޕްނާ ސަޕްނާ މަނީ މަނީ" ފަދަ ފިލްމްތައް ކުޅެފައިވާ ސެލީނާ ފޭސްބުކްގައި ބުނީ އޭނާގެ ދަރިފުޅު ޝަމްޝޭރަށް ދިމާވި ސީރިއަސް ހިތުގެ މައްސަލައެއްގެ ސަބަބުން، އެ ދަރިފުޅު މަރުވެފައިވާ ކަމަށެވެ.

ދިރިއުޅުމަކީ އެމީހަކު ރާވާ ގޮތަކަށް އަބަދު ކުރިއަށްދާނެ އެއްޗެއް ނޫންކަން ހާމަކުރަމުން ސެލީނާ ވަނީ އެ ހިތާމަވެރި ޚަބަރު އޭނާގެ ފޭނުންނާއި ހިއްސާކޮށްފަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ކައިވެނި ކުރި ސެލީނާ އާއި ޕީޓަ އަށް ވަނީ މީގެ އިތުރުން ވެސް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައެވެ. ދެހާސް ބާރަ ވަނަ އަހަރު އުފަންވި އެ ކުދިންގެ ނަންތަކަކީ ވިންސްޓަން އާއި ވިރާޖް އެވެ.