ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމަށް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު މާދާމާގެ ނިޔަލަށް ހަމަވާނެކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަނަލް ސާވިސްއިން ބުނީ ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރުކުރުމަށް އެދުމުން ދިން މުއްދަތު މާދަމާއަށް ހަމަވާނެކަމަށާއި މުއްދަތު އިތުރުކުރުމަށް އަދި ނިންމާފައި ނުވާކަމަށެވެ.
ކަރެކްޝަންސްއިން މަސައްކަތް ކުރަމުން ދަނީ މުއްދަތު ހަމަވާއިރަށް ގާސިމް ރާއްޖެ ވަޑައި ނުގެންފިނަމަ ފުލުހުން މެދުވެރިކޮށް ގާސިމް ގެނައުމަށެވެ.
ގާސިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައިވާ އިރު ދާދި ފަހުން ގާސިމްގެ ހިތުގެ އޮޕަރޭޝަނެއް ވަނީ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ކޮށްފައެވެ. އަދި އޮޕަރޭޝަނަށް ފަހު ކަރެކްޝަންސްއިން ދިން ފުރަތަމަ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ގާސިމް ސިންގަޕޫރު އެއާޕޯޓަށް ވަޑައިގެންނެވިއެވެ. ނަމަވެސް މެޑިކަލް ސަބަބުތަކަށްޓަކައި ގާސިމް ސިންގަޕޫރު އެއާލައިންސަށް ވަނީ ނާރުވާފައެވެ.
ގާސިމްގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން އެމަނިކުފާންގެ ގާނޫނީ ޓީމުން ވިދާޅުވީ ގާސިމްގެ ސިއްހީ ކަންކަން ރަނގަޅުވުމާއި އެކު ރާއްޖެ ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
މަޖްލިސް މެމްބަރުންތަކަކަށް ރިޝްވަތު ދެއްވަން އުޅުއްވިކަން ސާބިތުވެ ގާސިމްއަށ އިއްވާފައިވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.