ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކުމަށް ބްރާންޗުތަކުން ބުކިން ހެދުން ނިމުމަކަށް ގެނައުމަށް ނިންމައިފި އެވެ.
މިމަހުގެ ނިޔަލަށް ބްރާންޗުތަކުން ޑޮލަރު ގަތުމަށް ބުކިން ހެދުން ނިންމާލާއިރު ބީއެމްއެލްއިން ބުނެފައިވަނީ ބްރާންޗުތަކުން ބުކިން ހެދުން ހުއްޓާލި ނަމަވެސް މިއަހަރު ފެށި އޮންލައިން ބުކިން ސިސްޓަމް ހުރިހާ ކަސްޓަމަރުންނަށްވެސް ޑޮލަރު ގަތުމަށް ބުކިން ހެދޭނެ ކަމަށެވެ.
އޮންލައިން ސިސްޓަމް ކާމިޔާބު ކަމާއެކު ބީއެމްއެލްއިން މިއަހަރު ޖެނުއަރީ މަހުން ފެށިގެން އޮޕަރޭޓު ކުރަމުން އަންނައިރު ކަސްޓަމަރުން ކިޔޫގައި ޖެހިގެން ބީއެމްއެލް ބްރާންޗުތަކަށް ޑޮލަރު ގަތުމަށް ބުކިން ހެދުން ނިމުމަކަށް ގެނެވޭނެއެވެ.
ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން ޑޮލަރު ވިއްކާނީ ހަމައެކަނި އޮންލައިންކޮށް ޑޮލަރު ގަތުމަށް ބުކިން ހަދާ ކަސްޓަމަރުންނަށެވެ.
ބީއެމްއެލް އިން ވަނީ އިންޓަނެޓް ބޭންކިންއަށް އަހުލުވެރިކުރުމަށް އައްޑޫ ސިޓީގައި ދާދި ފަހުންވެސް ރޯޑް ޝޯތައް ބާއްވައި، ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގާފައެވެ.