Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ގާސިމްގެ ފަރުވާ މުއްދަތުގެ ޝަރީއަތް ފަށައިފި

ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުން ފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ދީފައިވާ މުއްދަތާއިމެދު ސުލްހަވެރި ގޮތެއް ކަނޑަނޭޅުމުން ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ ޝަރީއަތް ފަށައިފިއެވެ.

ގާސިމްގެ ވަކީލުން ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ޝަރީއަތް މިއަދު ފަށާފައިވާއިރު މާދަމާ ކަރެކްޝަންސް އިން ގާސިމަށް ދިން މުއްދަތު ހަމަވާނެއެެވެ.

ކަރެކްޝަނަލް ސާވިސެސްއިން ދެ ފަހަރެއްގެ މަތިން ގާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދީފައިވާއިރު އެންމެ ފުރަތަމަ ގާސިމަށް ދީފައިވަނީ 10 ދުވަހެވެ. ނަމަވެސް އިތުރު 10 ދުވަސް ދިނުމަށްފަހު އެނބުރި އަންނަން އެއާޕޯޓަށް ދިއުމުން، ގާސިމްގެ ހާލަތަށް ބެލުމަށްފަހު އެއާލައިނުން ބޯޓަށް ނޭރުވުމުން ކަރެކްޝަންސް އިން ވަނީ އިތުރު ފަސް ދުވަސް ދީފައެވެ.

ނަމަވެސް ގާސިމްގެ ވަކީލުން ވަނީ މެޑިކަލް ބޯޑުން ޑިސެމްބަރު މަހުގެ ނިޔަލަށް ދަތުރުނުކޮށް ބޭސްފަރުވާ ކުރިއަށް ގެންދިއުމަށް ލަފާއެރުވުމުން ގާސިމްގެ ފަރުވާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށައަޅާފައެވެ.

ކަރެކްޝަންސް އިން ބުނެފައިވަނީ ގާސިމް ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހިއްޖެނަމަ އެކަންވެސް ކުރާނެ ކަމަށެވެ. ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ގާސިމް އިބްރާހިމް ވަނީ ޝަރީއަތުގެ އަޑުއެހުމަށް ކޯޓަށް ގެންގޮސްފައިވަނިކޮށް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓިފައެވެ. ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ދެމުންދަނިކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބޭސްފަރުވާއަށް ބޭރަށް ފޮނުވުމަށް އަމުރުކޮށްފައެވެ.