ކަރަންޓު ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭބަލަކަށް ގެއްލުން ލިބިފައިވަނީ ނަރުދަމާ ހޮޅި ވަޅުލުމަށް އެމްޑަބްލިއުއެސްސީ އިން މަގު ކޮނުމުގެ މަސައްކަތް ކުރަނިކޮށެވެ.
ފެނަކައިގެ އޮފިޝަލަކު ވަނީ މިކަން ޔަޤީންކޮށްދީފައެވެ. އޮފިޝަލް ބުނި ގޮތުގައި ހިތަދޫ އިން ކަރަންޓު ކެނޑިފައި ވަނީ، ސްޓޭޑިއަމާއި ދިމާލުން ނަރުދަމާ ހޮޅިއެޅުމަށް މަގު ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.
ހައި ވޯލްޓޭޖް ކޭބަލަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ހިތަދޫގެ ހުރިހާ ހިސާބަކަށް މިހާރު ވަނީ އަލުން ކަރަންޓުގެ ޚިދުމަތް ދީފައެވެ.