އުރީދޫގެ ހިއްސާ ވިއްކަން ފެށިފަހުން ބޭއްވި ފުރަތަމަ އަހަރީ ޖަލްސާގައި އާއްމުންގެ ފަރާތުން އެކުންފުނީގެ ބޯޑަށް ސްޓެލްކޯގެ ސީއީއޯ އަދި ކުރީގެ ޔޫތު މިނިސްޓަރ އަހްމަދު ޒުހޫރު އިންތިހާބްކޮށްފިއެވެ.
ޒުހޫރު ބޯޑަށް އިންތިހާބްވެވަޑައިގެންނެވީ ރޭ ޖަލްސާއަށް ހާޒިރުވި 699 ހިއްސާދާރުންގެ ތެރެއިން 282 ހިއްސާދާރުންގެ ވޯޓުންނެެވެ.
ޒުހޫރުގެ އިތުރުން އެމަގާމަށް ދެން ކުރިމަތިލެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފް އާއި އިބްރާހިމް ފިރުޝާންއެވެ. ފަރީހާއަށް 231 ވޯޓު ލިބިވަޑައިގެންނެވި އިރު ފިރުޝާންއަށް ލިބިލެއްވީ 168 ވޯޓެވެ.
ވޯޓަށް ފަހު ޒުހޫރު ވިދާޅުވީ އުރީދޫގެ ބޯޑަކީ ބައިނަލް އަގްވާމީ ބޯޑެއް ކަމަށާއި އެހެންވެ އުރީދޫގެ ހިއްސާ ބައިނަލް އަގްވާމީ މާކެޓަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޒުހޫރަކީ އޮސްޓްރޭލިއާއިން މާސްޓާ އޮފް އެކައުންޓިން އެންޑް ފައިނޭންޝިއަލް މެނޭޖްމެންޓް، މާސްޓާއޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާ އޮފް ސައިންސް އިން މަތީ ތައުލީމް ހާސިލް ކޮށްގެން ހުންނެވި ބޭފުޅެކެވެ