ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ލާސް ޕަލަމަސް ކުޅުނު މެޗު ސަޕޯޓަރުންގެ ސަޕޯޓާ ނުލާ ބާސާ ކާމިޔާބުކޮށްފިއެވެ.
ކަޓަލަން ސަރަހައްދުގައި ފުލުހުންނާ ރައްޔިތުންނާ ދެމެދު ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ބާސެލޯނާއިން މެޗު ފަސްކޮށްދިނުމަށް އެދުމުން ލީގާއިން ވަނީ ބާސާގެ އެދުން ފުއްދައި ނުދީ ސަޕޯޓަރުން ނުވައްދައި ދަނޑު ބަންދުކޮށްގެން މެޗު ކުރިއަށް ގެންދިއުމަށް އަންގާފައެވެ.
މިމެޗުން ބާސާ މޮޅުވެފައިވަނީ އަނެއްކާވެސް މެސީގެ ދެ ގޯލާއެކު ޖުމުލަ ތިން ލަނޑު ޖަހައި، 0-3 އިންނެވެ. މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އޭނާ ވަނީ މެޗުގެ ފަހު ދެލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ލަނޑުވެސް ބާސާއިން ޖަހާފައިވަނީ މެސީގެ އެހީތެރިކަމާއެކުގައެވެ. އެ ލަނޑު ޖަހާފައިވަނީ ބުސްކުއެޓްސްއެވެ.
ރޭ ރެއާލް މެޑްރިޑާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ރެއާލް ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗު ރެއާލް ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ. މިމެޗުގައި ރެއާލްގެ ދެލަނޑުވެސް ޖަހާފައިވަނީ އިސްކޯއެވެ.
ރެއާލް މެޗު ކާމިޔާބުކުރި ނަމަވެސް އެއްވަނައިގައި އޮތް ބާސާއާ ދެމެދު އަދިވެސް 7 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބާސާ ވަނީ ކުޅުނު 7 މެޗުވެސް ކާމިޔާބުކޮށް އެއްވަނައިގައި ފައި ވިއްދާލާފައެވެ.