މާލެ އާއި އަތޮޅުތެރޭގައި ދެމުންދާ ކަރަންޓްގެ އަގު ހަމަހަމަވާން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ މެމްބަރުން އިއްތިފާގުވެއްޖެއެވެ.
މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ރޭ ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވި 9 މެމްބަރުންވެސް ވަނީ މާލެ އާއި އަތޮޅު ތެރޭގައި ދެމުންދާ ކަރަންޓް އަގު ހަމަ ހަމަ ކުރުމަށް ތާއިދުކޮށްފައެވެ.
އެގޮތުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޤާދިރާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދާއި އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވެސް ރޮޒޭނާގެ މައްސަލައަށް ތާއިދުކޮށް ވަނީ ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެޓީން ވަނީ ފެނަކަ އަދި ސްޓެލްކޯގެ ވެރިންގެ އިތުރުން އެންވައިރުމެންޓް މިނިސްޓްރީގެ އިސްވެރިންނާ އެކު ޓެކްނިކަލް ބޭފުޅުން އަންގާރަ ދުވަހުގެ ރޭ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައެވެ.