މިއަދު އެމެރިކާގެ ލާސް ވޭގަސްގެ މިއުސިކް ފެސްޓިވަލެއްގެ ތެރެއަށް ބަޑި ޖަހައި ދިން ޓެރަރިސްޓު ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެ، 400 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
މިހަމަލާ ދީފައިވަނީ އެންމެ މީހެއް ކަމަށާއި އޭނާ ވަނީ 12 "އޮޓޮމެޓިކް ވެޕަން" ބޭނުންކޮށްފައި ކަމަށް ޚަބަރު ލިބެއެވެ. އަދި ފުލުހުން އޭނާ އަތުލުމަށް ދިޔައިރު އޭނާ ވަނީ އަމިއްލަ ހަށިގަނޑަށް ބަޑި ޖަހައި އަމިއްލައަށް ފުރާނަ ދުއްވާލާފައި ކަމަށްވެސް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
ލާސް ވޭގަސްގެ މިއުސިކް ފެސްޓިވަލަކަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވަނިކޮށް ބަޑި ޖަހަން ފެށުމުން ގިނަ ބަޔަކު ވަނީ އެސަރައްހަދު ދޫކޮށް ގޮސްފައެވެ.
ސޯޝަލް މީޑިޔާގައި އާންމު ވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި މީހުން ވަނީ ކައިރި ރެސްޓޯރެންޓު ތަކަށް ވަދެ ފިލާފައެވެ. އަދި ވީޑިއޯއިން އޭރުވެސް ހުއްޓުމެއް ނެތި ބަޑި ޖަހަމުންދިޔަ އަޑުވެސް އިވެމުން ދިޔައެވެ.
މިހަމަލާ ދީފައިވަނީ ކޮން ގައުމެއްގެ ރައްޔިތެއްކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ނަމަކީ ސްޓީފެން ޕެޑޮކް ކަމަށް އެމެރިކާގެ ބައެއް ނޫސް ތަކުން ރިޕޯޓުކޮށްފައިވެއެވެ.