ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުން ފަރުވާ ހޯއްދަވަމުން އަންނަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްނުދީ ކަރެކްޝަނަލް ސާވިސެސް އިން އެމަނިކުފާނު އެނބުރި ގައުމަށް ވަޑައިގަތުމަށް އަންގާފައިވާ ކަމަށް އާއިލާއާ ހަވާލާދީ ވަކީލުން އިއުލާންކޮށްފިއެވެ.
ގާސިމްގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ހުކުމް ކުރިއިރުވެސް އެމަނިކުފާނުގެ ފުރާނައަށް ވަނީ ނުރައްކާވެފައި ކަމަށެވެ. ގާސިމްގެ ފަރުވާ ސިންގަޕޫރުގައި ކުރިއަށްދާއިރު ކަރެކްޝަންސް އިން އަމަލު ކުރަމުންދާ ގޮތުން ގާސިމްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަންބޮޑުވާ ކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކަރެކްޝަންސް އިން ގާސިމަށް 10 ދުވަސް ބޭސްފަރުވާއަށް ދިނުމަށްފަހު އިތުރު 10 ދުވަސް ދިނީ ގާސިމްގެ ސިއްހީ ހާލަތު ގޯސް ކަމުން ބޯޓަށް ނޭރުވުމުންނެވެ. އިތުރު 5 ދުވަސް ދިނުމަށްފަހު މިއަދަށް އެ ފަސް ދުވަސް ހަމަވެފައިވާއިރު އާއިލާއަށް ފަރުވާގެ މުއްދަތު އިތުރުކުރެވެން ނެތް ކަމަށް އެއިދާރާ އިން ވަނީ އާއިލާއަށް އަންގާފައެވެ.
ކަރެކްޝަންސްއިން ވަނީ ގާސިމް ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީ ހޯދަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެ ކަމަށެވެ. ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޝަރީއަތުގެ އަޑުއެހުމުގައި އަނބުރައިގަނެގެން ވެއްޓުމަށްފަހު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.