ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެންނަ ބަދަލުތައް ގެނެސްދެވިފައި ނުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުަހައްމަދު ނަޝީދަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ(އައިބީ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެެވެ.
ޗެނަލް13 އިން ހޯމަ ދުވަހުގެ ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި މިހާރު އެމްއާރްއައި ހެދެނީ ހަމައެކަނި އައިޖީއެމް ހޮސްޕިޓަލުގައި ނޫން ކަމަށާއި ހދ. ކުޅުދުއްފުށީގައި ވެސް އެމްއާރްއައި ހެދޭ ކަމަށެވެ. އަދި އެކަމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަދުގަންނަންޖެހޭ ކަމަށް އައިބީ ވިދާޅުވިއެވެ.
"މިއަދު މާލޭ އައިޖީއެމް ހޮސްޕިޓަލުން އެކަންޏެއް ނޫނޭ އެމްއާރްއައި ހެދެނީ. ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް އެމްއާރްއައި ހެދޭނެ. ލަދުގަންނަން ޖެހޭނެ މުހައްމަދު ނަޝީދު މެން."
އައިބީ ވަނީ މީގެ އަހަރުތަކެއް ކުރިން އަމިއްލަ ފަރާތަކުން ހިންގި އޭޑީކޭ ހޮސްޕިޓަލުގައި އެކަނި ކަމަށާއި އައިޖީއެމް ހޮސްޕިޓަލުގައި އެމްއާރްއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް އެމްޑީޕީ ވެރިކަމުގައި ކޮށްފައި ނުވަނީ ކީޢްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
އައިބީ ވިދާޅުވި ގޮތުގައި ނަޝީދަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވުމުގެ ފުރުސަތު ލިބިވަޑައިގަންނަވަނީ، އެބޭފުޅާގެ ނާޤާބިލްކަމުންނެވެ.