Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

ގާސިމް ފްލައިޓަށް ނޭރުވުމުން ރާއްޖެ ނާދެވި

ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް -- ވީފޮޓޯ

ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ވަޑައިގެންފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ބޭސް ފަރުވާއަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު ހަމަވިއިރުވެސް ގާސިމްއަށް ރާއްޖެ ވަޑައިގަނެވޭ ގޮތް ނުވެ، ގާސިމަށް ގޮތް ހުސްވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްއިން ގާސިމްގެ ބޭސް ފަރުވާއަށް ދިން މުއްދަތު އިއްޔެއަށް ހަމަވިއިރު އެ މުއްދަތު އާއިލާއިން އެދުމުންވެސް އިތުރުކޮށްދީފައި ނުވެއެވެ.

ގާސިމް އިއްޔެވެސް ރާއްޖެ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވި ކަމަށް އެމަނިކުފާންގެ ގާނޫނީ ޓީމުން ވަނީ ވިދާޅުވެފައެވެ. ގާނޫނީ ޓީމުން ވިދާޅުވީ ގާސިމްގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ސިންގަޕޫރު އެއާލައިންސްއަށް އަރުވަން އެއެއާލައިންއިން ދެކޮޅު ކަމަށެވެ.

ކަރެކްޝަންއިން ބުނީ މުއްދަތު ހަަމަވުމަށްފަހު ރާއްޖެ ނާންނަނަމަ ފުލުހުން މެދުވެރިކޮށްވެސް ގާސިމް ރާއްޖެ ގެންނާެނެކަމަށެވެ.

ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ގާސިމްއަށް ހުކުމް ކުރެއްވި އިރު ކްރިމިނަލް ކޯޓުން ވަނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައިވާ އިރު އެކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދާކަން އާއިލާއިން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން ގާސިމްގެ ބޭސް ފަރުވާގެ ކަންކަން ނިމެންދެން ބޭރުގައި ބަހައްޓައި ދިނުމަށް އާއިލާއިން ވަނީ އެދިފައެވެ.

ގާސިމްގެ ބޭސް ފަރުވާގެ ކަންކަން ހައްލު ނުވެގެން އެމައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.