ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެން ބެލެވޭނީ ފިލާފައިވާ މީހެއް ކަމަށް ކަރެކްޝަނަލް ސާވިސެސްއިން ބުނެފި އެވެ.
ކަރެކްޝަންސްގެ އޮފިޝަލަކާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއިދާރާއިން ވަނީ މިހާރު ގާސިމް ފިލާފައިވާ ކަމަށް ނިންމައި އޮންނަ އުސޫލުގެ މަތިން ގާސިމް އަނބުރާ ރާއްޖެ ގެނައުމަށް ފުލުހުންނަށް ހުށައެޅުމަށް ނިންމާފައި ކަމަށެވެ.
"ބޭރުން ފަރުވާ ހޯދަން ދިން މުއްދަތު ހަމަވުމުން ވެސް ރާއްޖެ ވަޑައިނުގެންފި ނަމަ ބަލަނީ ފިލައިގެން އުޅޭ މީހެއްގެ ގޮތަށް. އެ ހާލަތުގައި އަޅުގަނޑުމެން ދެން އެދޭނީ ފުލުހުންގެ ކިބައިން ހާޒިރުކޮށްދޭން،" އޮފިޝަލް ބުނެފައިވެއެވެ.
ނަމަވެސް ގާސިމްގެ ވަކީލުންގެ ޓީމުން ބުނެފައިވަނީ ގާސިމްގެ ސިއްހީ ހާލު ހުރިގޮތުން ފުލައިޓަށް އެރުވުމަށް އެއާލައިނުން ދެކޮޅު ހަދާފައިވާކަން ކަރެކްޝަންސްއަށް އަންގާފައިވާ ކަމަށެވެ.
ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ގާސިމް ފްލައިޓަށް އެރުވުމަށް ސިންގަޕޫރު އެއާލައިނުން ވަނީ ދެކޮޅު ހަދާފައެވެ. އެއެއާލައިނުން ބުނެފައިވަނީ ޑޮކްޓަރުން ފުރުމަށް ހުއްދަ ދީފައިނުވާއިރު ފުލައިޓަށް ނޭރުވޭނެ ކަމަށެވެ.