Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހިތަދޫގައި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ހުންނަ "ޗެކްމާކް" ފިހާރަ ކުރިމަތިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން ދުއްވާފައި ދިޔަ 2 ސައިކަލެއް ޖެހިގެންނެވެ.

އެކްސިޑެންޓްވި ދެ ސައިކަލްގައި އެވަގުތު ތިބި 4 މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެ މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން ދިޔަ ސައިކަލެއް ގޯޅި އަޅަން އުޅެނިކޮށް ފަހަތުން އައި އެހެން ސައިކަލަކުން ޖެހިގެން ކަމަށެވެ.

"އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން އީސީސީ އާއި ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ގޯޅި އަޅަން އުޅެނިކޮށް ފަހަތުން އައި ސައިކަލުން ޖެހިގެން." މަންޒަރު ދުށް މީހަކު ބުންޏެވެ.

ގޯޅި އަޅަން އުޅުނު ސައިކަލުގައި ތިބި ދެ އަންހެނުންގެ ތެރެއިން ސައިކަލް ދުއްވަން އިން އަންހެނާގެ ބޯ ފަޅައިގެން ގޮސް މޫނަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި ބަޔަކަށް ފަރުވާދެމުން އަންނަ ކަމަށާއި އެންމެންގެ ހާލު ވެސް މިވަގުތަށް ސްޓޭބަލް ކަމަށެވެ.

އެހެން ނަމަވެސް އަނިޔާވި އަންހެނެއްގެ ބޯފަޅައިގެން ގޮސް މޫނަށް ވެސް އަނިޔާވެފައިވާ ކަމަށް ހޮސްޕިޓަލްގެ އޮފިޝަލް ވެސް ވަނީ ބުނެފައެވެ.

އެކްސިޑެންޓްގައި ދެން އަނިޔާވި 3 މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދެއެވެ.